މަތީ ކްލާސްތަކުގައި ރާއްޖެ އިން ބޭރަށް ފުރާ މީހުންގެ ޓެކްސް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލު ފާސްކުރީ 42 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

ބިލުގައިވާ ގޮތުން، ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ މީހުންނާއި ޓްރާންސިޓް ފަސެންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިން ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާ ވާނެއެވެ.

ބިލުގައި އޮތީ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ފީ (އޭޑީސީ) ގެ އަދަދު އިތުރު ކުރާ ގޮތަށެވެ. އެކަމަކު އެއީ ބިޒިނަސް ކްލާސްތަކުންނާއި ޕްރައިވެޓް ޖެޓްތަކުން ދަތުރު ކުރާ މީހުންގެ އަތުންނެވެ. އެ ޓެކްސް ނަގަން ފަށަން، ބިލުގައި އޮތީ، އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

މި ގޮތުން ބިޒްނަސް ކްލާސް އިން ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން 60 ޑޮލަރު ނަގަން ބިލުގައިވެއެވެ. ފަސްޓް ކްލާސް އިން ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން 90 ޑޮލަރު ނަގަން ހިމަނާފައިވެއެވެ. އަދި ޕްރައިވެޓް ޖެޓްތަކުން ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން 120 ޑޮލަރު ނަގަން ހިމަނާފައިވެއެވެ.

އިކޮނޮމިކް ކްލާސްތަކުން ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން ނަގަން ބިލުގައި ހިމަނާފައިވަނީ، މިހާރު ވެސް ނަގާ އަދަދަށެވެ. އެއީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ.

ބިލުގައިވާ ގޮތުގައި އޭޑީސ ނެގުމުގެ ހުރިހާ ޒިންމާއެއް އަދާ ކުރަން ޖެހޭނީ ފަސިންޖަރަކު ދަތުރުކުރާ އެއާލައިނަކުންނެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް މީރާއަށް އެ ޓެކްސްތައް ނުދައްކައިފިނަމަ ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ރައްޔިތުން ފެލަން ދަންނަބައެއްމީ ދެން އެނގެނީ ވައްކަން ކުރަން، ދެން ލާދީނީ ކަންކަން.

    8
    2
  2. ދޯހަޅި

    ރަނގަޅު ނިންމެވުމެއް.

    4
    6
  3. ޖުއްބާ

    ތީ ރައްޔިތުންގެ މަޖުލިހެއް ނޫން. ތީ ފެލާ މަޖިލިސް. ދެން މަގުމަތީ ހިނގާ މީހުންގެ އަތުންވެސް ފެލާލާ.

    5
    1