ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަން ކުރަން ޖެހޭ ތިން ދާއިރާއެއްގެ މެންބަރުންގެ މަގާމަށް މީހުން އައްޔަން ކުރަން ފަސް ނަމެއް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން އެލްޖީއޭގައި ޖެންޑާ އިކުއަލިޓީ ދާއިރާގެ ތަޖުރިބާ ހުންނެވި އަންހެން މެންބަރަކާއި، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ތަޖުރިބާ ހުންނެވި ބޭފުޅަކާއި، މަދަނީ ޖަމިއްޔާއެއްގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހެއެވެ.

މަޖިލީހުން ކަނޑައަޅަން ޖެހޭ މި ތިން މެންބަރުން ކަނޑައަޅަން ގާނޫނުގައި އޮތް އުސޫލަކީ އެ މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ތިން ނަމެއް ފާސް ކުރުމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ރައީސް ސޯލިހް ފޮނުއްވި ސިޓީ އިއްވަވައިފައެވެ. ނަންތަކުގެ ތެރޭގައި ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ އެކަކު ހިމެނޭއިރު، ދެން ކޮންމެ ދާއިރާއަކުން ދެ މީހަކު ހިމެނެއެވެ.

ރައީސް ފޮނުވި ނަންތައް

  • އަޒްހާ ޒަމީރު، މ. ލިލީޒް (ޖެންޑާ އިކުއަލިޓީ)
  • އައިޝަތު އަލީ، ދަފްތަރު 2684 (ޖެންޑާ އިކުއަލިޓީ)
  • ފާތިމަތު ނިއުމާ، ގ. ހީމާލިގެ (ޕަބްލިކް އެޑްމިނިސްޓްރޭޝަން)
  • ފާތިމަތު ޒީނާ އަލީ، ހ. ރައިޒިން ސަން (މަދަނީ ޖަމިއްޔާ)
  • އައިޝަތު ޝީޒާ، ތާޒީބިން ބ. ކެންދޫ (މަދަނީ ޖަމިއްޔާ)

އެލްޖީއޭގައި މި ތިން މެންބަރުންގެ އިތުރުން ތިއްބަވާނީ ހޯމް މިނިސްޓަރާއި، ރައީސް ކަނޑައަޅުއްވާ ސީއީއޯގެ މަގާމަށް ބޭފުޅަކާއި، ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ބޭފުޅަކާއި، ސިޓީ ކައުންސިލްގެ މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސަކާއި، ރަށު ކައުންސިލްގެ މެންބަރެކެވެ.