ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިއާއި އެހެނިހެން ޕްރައިވެޓް ގްރޫޕްތަކުގައި ޤާނޫނީ ވަކީލުން އެއްބައަކު އަނެއް ބައަކަށް ފުރައްސާރަކުރުމާއި ހަނގާކުރުން އިތުރުވަމުންދާކަމަށާއި އެފަދަ ކަންކަން ނުކުރަން އެދޭކަމަށް ބާކައުންސިލުން ބުނެފިއެވެ.

ބާކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ވަކީލުންގެ ޢަމަލުތަކުގެ ސަބަބުން ޤާނޫނީ ދާއިރާގައި އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދިނުމަށް ހުރަސް އެޅެމުންދާތީ، މިކަމާމެދު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް، އެފަދަ ޢަމަލުތަކުން ޤާނޫނީ ވަކީލުން ދުރުވެތިބުމަށް ކައުންސިލުން އިލްތިމާސް ކުރާކަމަށެވެ.

ޤާނޫނީ ވަކީލުންނަކީ ޤާނޫނުގެ ވެރިކަމާއި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައަކަށްވާތީ، ޤާނޫނީ ވަކީލުންނަކީ ޤާނޫނީ ފަންނުގެ ސުލޫކީ މިންގަނޑުތައް ހިފަހައްޓަންޖެހޭ، އެހެން މީހުންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، ނަޒާހާތްތެރި ބައަކަށް ވާންޖެހޭކަމަށް ކައުންސިލުން ބުންޏެވެ.

"އަދި ޤާނޫނީ ވަކީލުންގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި އެކު، ޤާނޫނީ ފަންނުގެ އެހެން ފަރާތްތަކުގެ ޙައްޤުތަކަށް ވެސް ޤާނޫނީ ވަކީލުން ރައްކާތެރިވާންޖެހޭތީ، ވަކީލުންގެ މަސައްކަތާ ގުޅުން ހުރި ކަންކަމުގައި ސޯޝަލް މީޑިއާ، އަދި އެނޫންވެސް ޕަބްލިކް ޕްލެޓްފޯމް ޙަރަކާތްތެރިވާއިރު، ޤާނޫނީ ވަކީލުން ޢަމަލު ކުރަންޖެހޭ މިންގަނޑުތައް ހިފަހައްޓައި، ޤާނޫނީ ފަންނުގެ މިންގަނޑުތަކަށާއި ޤާނޫނާއި ގަވާއިދަށް ޚާއްސަ ސަމާލުކަމެއް ބެހެއްޓުމަށް، އެންމެހާ ޤާނޫނީ ވަކީލުންނަށް ހަނދާންކޮށްދެމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އެއްވެސް ޤާނޫނީ ވަކީލަކަށް، މިފަދަ އެއްވެސް ބާވަތެއްގެ، އަދި މިނޫންވެސް، ޤާނޫނީ ޚިދުމަތް ދިނުމަށް ހުރަސްއެޅޭ ބާވަތުގެ ފުރައްސާރަ ކުރުމާއި ހަނގާކުރުމާ ކުރިމަތިލާން ޖެހިފައިވާނަމަ، އެކަން ލަސްނުކޮށް ބާ ކައުންސިލުގެ ސަމާލުކަމަށް ގެނެސްދިނުމަށް ވެސް ބާކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.