އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނުނިމި ލަސްވަމުންދާ އިރު އަދިވެސް އެ މައްސަލަ ދިރާސާ ކުރާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ވިދާޅުވެއްޖެއެވެ.

ޕީޖީން ދިރާސާކުރަމުން ދަނީ މަހްލޫފަށް ދައުވާ ކޮށްްދިނުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ލިޔުންތަކެވެ. އެ ލިޔުންތައް އޭސީސީން އެންމެ ފުރަތަމަ ފޮނުވީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެކަމަކު، މައުލޫމާތު ފުރިހަމަ ނުވާ ކަމަށް ބުނެ ޕީޖީން ވަނީ އެކަން ފުރިހަމަ ކުރަން އޭސީސީ އަށް ފުރުސަތު ދީފައެވެ. އިތުރު ލިޔުންތައް ފޮނުވުމުން ޕީޖީން މިހާރު ވެސް ދަނީ އެ ލިޔުންތައް ދިރާސާކުރަމުންނެވެ.

މިދިޔަ ހަފްތާގައި ޕީޖީން ވިދާޅުވި ގޮތުގައި މައްސަލަ ހަފްތާއެއް ތެރޭގައި ދިރާސާކޮށް ނިންމާލެވޭނެއެވެ. އޭގެ ކުރިން ވެސް ޕީޖީން ވިދާޅުވަމުން ގެންދެވީ ހަފުތާއެއް ނޫނީ ދެ ހަފުތާއެއްގެ ތެރޭގައި ގޮތެއް ނިންމޭނެ ކަމަށެވެ.

މީގެ ހަތަރު ދުވަސް ކުރިން ޕީޖީން މައުލޫމާތު ދެއްވީ އަދިވެސް ދިރާސާ ކުރުމުގެ މަރުހަލާގައި މައްސަލަ އޮތް ކަމަށެވެ. ސީދާ ތާރީޚެއް ދެއްވަން ދަތި ނަމަވެސް ވަރަށް އަވަހަށް ނިންމޭނެ ކަމަށް އެ ދުވަހު ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހޯދަން "ވަގުތު" އިން ސުވާލު ކުރުމުން ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވީ އަދިވެސް މައްސަލަ ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާއަށް ދެވުމުން ޕީޖީން އިސްވެ މައުލުމާތު ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު، އިދާރާތަކުން އެކުލަވާލާފައިވާ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އެބަ އޮތެވެ. އެކަމަކު ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މަހްލޫފް އިންކާރު ކުރައްވައެވެ. މިއީ ސިޔާސީ ގޮތުން އޭނާ "ކަތިލަން" ކުރާ ކަމެއްގެ ގޮތުގައި މަހްލޫފް ސިފަ ކުރައްވައެވެ.

މަހްލޫފް ވިދާޅުވާ ގޮތުގައި އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ކުޅިވަރު އިންތިހާބަކާއި ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކޮށް ދައުވާ ކުރުމުގެ ފަހަތުގައި ތިބީ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުންތަކެއް ކަމަށް މަހްލޫފް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އެނގިފައިވާ ގޮތުގައި އެ މެމްބަރުންނަކީ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވާ މެމްބަރުންނެވެ.