މިއަހަރުގެ ބޮޑު އީދާއި ދިމާކޮށް ރަށްރަށަށް ދާ ދިވެހިންނަށް ގެސްޓް ހައުސްތަކުގައި ތިބެވޭނެ ހާއްސަ އުސޫލެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލައިފިއެވެ.

އެޗްޕީއޭއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ރާއްޖޭގައި ދިރިއުޅޭ ދިވެހިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޓުއަރިސްޓް ގެސްޓް ހައުސްތަކަށް ޗެކްއިން ކުރުމަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ނަމަވެސް އެގޮތަށް ހުޅުވާލެވިފައި ވަނީ ވަކި ޝަރުތަކެއް ހުރި ފަރާތްތަކަކަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން ބަލާއިރު ހިމެނެނީ ކޮވިޑް-19 އަށް ފައްސިވެ ބަލިން ރަނގަޅުވެފައިވާ ފަރާތްތަކުގެ ތެރެއިން ބަލިޖެހުނު ތާރީހުން (ސާމްޕަލް ނެގި ތާރީހު) ފެށިގެން 60 ދުވަސް ވެފައި ނުވާ ފަރާތްތަކާއި ކޮވިޑު-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކެވެ. މި ފަރާތްތަކަށް ގެސްޓް ހައުސްއަށް ޗެކްއިން ވުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ، ފަރާތްތަކާ އެކުގައި ވެކްސިން ނުޖެހޭ އުމުރު ފުރައިގެ ކުޑަކުދިން ގެންދާ ނަމަ ގެސްޓް ހައުސްއަށް ޗެކްއިން ވުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް އޮންނަން ވާނެ ކަމަށެވެ.

މީގެ އިތުރުން ގެސްޓް ހައުސްތަކަށް ޗެކްއިން ވުމާއި ރަށްރަށުގައި އުޅުމުގައި ރައްކާތެރިވުމަށް އަޅާފައިވާ އެންމެހާ ފިޔަވަޅުތަކާ އެއްގޮތަށް އުޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ރަށްރަށަށް ދަތުރުކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދަތުރު ކުރުމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚިޔާލު 2

    މަގުތަކުގައި ކުރަމުންއައި ކޮވިޑު ޓެސްޓު ހެދުން ހުއްޓާލުމަކީ ގޯހެއް މާދަމާއިން ފެށިގެންޓެސްޓް ހައްދަވަން ފަށްޓަވާ އެހެންނޫނީ އިތުރަށް ކޮވިޑު ގޯސްވެދާނެ.