ދިރާސީ އާހަރުގެ ކިޔެވުން ފެށެން ކައިރިވެފައި ވަނިކޮށް އިމާދުއްދީންް ސްކޫލްގެ ޔުނީފޯމް ބަދަލުކުރުމާ ގުޅިގެން އެ ސްކޫލްގައި ކިޔަވަމުންދާ ބައެއް ދަރިވަރުންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ވަގުތު" އާއި ވާހަކަދެއްކި ބެލެނިވެރިއެއް ބުނީ ޔުނީފޯމް ބަދަލުކޮށްފައިވާކަން ގިނަ ބެލެނިވެރިންނަށް އެނގިފައި ނުވާ ކަމަށެވެ. އަދި އެކަން ސްކޫލުން އިއުލާނުކޮށްފައި ވަނީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.

"ސްކޫލްގެ ފޭސްބުކް ޕޭޖަށް ފޮލޯކުރާ ޕޭރެންޓުން ނިސްބަތުން މަދުވާނެ. ސްކޫލުން ހަމައެކަނި އެންގީ ޕީޓީއޭގައި ހަރަކާތްތެރިވާ ބެލެނިވެރިންނަށް އެކަނި ޔުނީފޯމް ބަދަލުވިކަން. އެންމެ ކުޑަމިނުން ޓެކްސްޓް މެސެޖެއް ވެސް ނާދޭ" އޭނާ ބުންޏެވެ.

އެހެން ބެލެނިވެރިއެއް ކިޔައިދިން ގޮތުގައި ޔުނީފޯމް ބަދަލުވިކަން އޭނައަށް ވެސް އެނގުނީ ވަރަށް ފަހުންނެެވެ. އެއީ ރައްޓެހި ބެލެނިވެރިއެއްގެ ފަރާތުން ކަމަށްވެއެވެ. އޭނާ ބުނީ ކުރީގެ ޔުނީފޯމްގައި ހަ މަސް ދުވަސްވަންދެން ދެވޭ ގޮތަށް އޮތް ނަމަވެސް ކޮންމެ ދަރިވަރަކުވެސް ސްކޫލަށް ދާންބޭނުންވާނީ އާ ޔުނީފޯމްގައި ކަމަށެވެ.

އަދި ބައެއް ދަރިވަރުންނަށް ޔުުނީފޯމް ބަދަލުވިކަން ނޭނގި އޮތުން ނުވަތަ އާ ޔުނީފޯމް ނުލިބުމަކީ އެކުދިން ސްކޫލަަށް ދާއިރު ދެރަވާނެ ކަމެއް ކަމުގައި އޭނާ ފާހަކުރިއެވެ.

"އެއް ކުއްޖަކު އާ ޔުނީފޯމް ލައިގެން ދާއިރު އަނެއް ކުއްޖާވެސް ބޭނުންވާނީ އާ ޔުނީފޯމްގައި ދާން. އެ ކުއްޖާ ވަރަށް ދެރަވާނެ ބާ ޔުނީފޯމްގައި ދާން. ލަދުވެސް ގަންނާނެ. ކުރީބައިގައި ފޮއްޗާއި އެއްޗެހި ގެނެސް އިންތިޒާމް ކުރެވިގެން މިކަން ކުރިއަށް ދިޔަ ނަމަ މިކަން މިގޮތަށް ނުވީސް" އޭނާ ބުނިއެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫހް "ވަގުތު" އަށް ވިދާޅުވީ ސްކޫލްގެ ޔުނީފޯމް ބަދަލުކުރެވުނީ ވަރަށް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި ޔުނީފޯމް ބަދަލުވާނެކަން މިދިޔަ އަހަރުވެސް ބެލެނިވެރިންނަށް އަންގާފައި ވާނެ ކަމަށާއި ތިން ފަހަރެއްގެ މަތިން ޓެކްސްޓް މެސެޖަކުންވެސް އަންގާފައި ވާނެ ކަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުން އިމާދުއްދީންގެ ޔުނީފޯމް ބަދަލުކުރުމުގެ މަޝްވަރާތައް ފެށިގެން ދިޔައީ އެ ސްކޫލްގެ ޓީޗަރުންގެ އިތުރުން ޕީޓީއޭއާއި ބެލެނިވެރިންނާއިވެސް މަޝްވަރާ ކުރުމަށްފަހުއެވެ. އަދި އާ ޔުނިފޯމްގެ ސާމްޕަލް މިދިޔަ ބުރާސްފަތި ދުވަހު އެ ސްކޫލްގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައި ވާއިރު، އެ ފޮތި ގަންނަން ލިބޭނެ ތަނާއި، ގަޑިތައްވެސް ބެލެނިވެރިންނަށް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"މިކަން ކުރިވިގެން ދިޔައީ ވަރަށް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން. ކުރީބައިގައި ބެލެނިވެރިންނަށް މިކަން އެންގިފައި ވާނެ އެކި ގޮތްގޮތުން. އާ ޔުނީފޯމް ގަންނަން ލިބޭނެ ތަނާއި ގަޑިތައްވެސް ވާނީ އެންގިފައި. އަދި ޔުނީފޯމް ނުލިބޭ ދަރިވަރުންނަށް އާ ޔުނީފޯމަސްް ބަދަލުކުރަން ހަ މަސް ދުވަސް ލިބޭނެކަންވެސް އަންގާފައިވާނެ" ޕްރިންސްޕަލް ވިދާޅުވިއެވެ.

ޕްރިންސްޕަލްގެ މިވާހަކަތަކާ ގުޅިގެން ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި އެ ސްކޫލްގެ ޕީޓީއޭގެ ބޭފުޅެއް ވިދާޅުވީ ސްކޫލުން ފޮނުވި ޓެކްސްޓް މެސެޖުތައް ހުރިހާ ބެލެނިވެރިންނަށް ލިބިފައި ނުވާ ކަމަށާއި، ޔުނީފޯމާ ގުޅޭ ފުރިިހަމަ މައުލޫމާތު ސްކޫލުން ފޯރުކޮށްދީފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

އަދި ބޮޑު ޗުއްޓީއެއްގައި ގިނަ ބެލެނިވެރިން މިހާރު ތިބީ ރަށުގައި ކަމަށާއި އާ ޔުނީފޯމްގެ ފޮތި މި ދަނޑިވަޅުގައި ހޯދުމާއި، ފެހެމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވިސްނާ ބައްލަވާ އެތައް ސަތޭކަ ކުދިންގެ ޔުނީފޯމް ފަހާނެ ގޮތަކާ މެދު. ފަހާ ތަންތަންވެސް ވަރަށް ބާރުބޮޑުވާނެ ދެއްތޯ؟. މިހާ ވަގުތުކުޑަތަންވެފައި ވަނިކޮށް ކިހިނެއްތޯ އާ ޔުނީފޯމެއް ފަހާނީ. އަދި ގިނަ ބެލެނިވެރިން މިހާރު ތިބީ ރަށުގައި." އެބޭފުޅާ ވިދާޅުވިއެވެ.

އިމާދުއްދީން ސްކޫލްގެ ފިރިހެން ދަރިވަރުން މީގެ ކުރިން ލަނީ ހުދި ޔުނީފޯމާއި ކަޅު ފަޓުލޫނެވެ. އަންހެން ދަރިވަރުން ލަނީ ރޫ ނެގި ތިރިއަކާއި އެކޮށް ހުދު ޔުނީފޯމެކެވެ.

އިމާދުއްދީން ސްކޫލްގެ ޔުނީފޯމަށް ބަދަލުތަކެއް ގެނެސްފައިވާ އިރު އަންހެން އަދި ފިރިހެން ދަރިވަރުން ލާނީ މަޑު އޮރެންޖް ކުލައެއްގެ ފޮއްޗަކުން ފަހާފައިވާ ޔުނީފޯމެކެވެ. އަންހެން ދަރިވަރުން ކަޅު ސްކާޓެއް ތިރިން ލާއިރު، ފިރިހެން ދަރިވަރުން ލާނީ ކަޅު ފަޓުލޫނެކެވެ.

އިމާދުއްދީން އާ ޔުނީފޯމްގެ ސާމްޕަލް --

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނ

    ޔުނިފޯމް ބަދަކު ކުރުމުން ކޮންކަމެއްތޯ ހާސިލް ވަނީ
    އިސްރާފު ކުރުން ނޫން ކަމެއް ނުވާނެ...ދެން އަންނަ އަހަރު ވެސް ބަދަލު ކޮށްލަން ފެންނަނީ...މިރާއްޖޭގައި..މާގަދަޔަށް ކުރާ ކަމެއް އެއީ ތަންތާގެ ލޯގޯ ބަދަލު ކުރުން ވެސް...

    21
    2
  2. ރުއް

    ދެން ތިކަމަށްވެސް ހަދާ ޖަމިއްޔާއެއް..ބައެއް ކަންތައް އެއީ އެތަނަކުން އަންގާގޮތަކައް ކުރަން ޖެހޭ ކަންތައް

    8
    2
  3. ދިދަ ދަނޑި

    އަދި އަވަސް … އަންނަ މަހު ބަދަލުކޮށްލިނަމަ… މުޅި ތަޢުލީމީ ނިޒާމް އޮތީ ފެއިލްވެފަ.. މިނިސްޓަރުވެސް އެދުވަނީ އެއްރަށުން އަނެއް ރަށަށް ނަރުދަމާ ނިޒާމް އަޅަން… ލޮލް

    9
    1
  4. ވެރިން

    އިނޑިޔާގެ ފާދި ރީން ލާ ކުލަޔަށް ބަދަލު ކޮށް ލަނީ ދޯ. އަނެއް ދިވެހި ރާއްޖެ ތަފާތު ވާނެ.

    10
    3
  5. މަގޯތިއާދަނު

    ވަރަށް ކުރިން އިނގިއްޖެ ޔުނިފޯރމް ބަދަލުވާކަން އެކަމު އެހާކުރިން ޔުނިފޯރމް ޑިޒަނާ ފޮތިވެސް ބެލެނިވެރިންނަށް އަންގާލިނަމަ ރަގަޅު

    5
    1
  6. ކިތައްހާސް ބާ؟؟؟؟

    މި ލިޔުމުގެ 12 ވަނަ ޕެރެގްރާފްގައި ޕީޓީއޭ ގެ މީހަކު ބުނެފައި ވާކަމަށް އެބައޮތް އެތައްހާސް ކުދިންނެއްގެ ވާހަކަ، ސުވާލަކީ ޢިމާދުއްދީން ސްކޫލްގައި ކިޔަވަނީ ކިތައް ހާސް ދަރިވަރުންހޭ؟ ޢިމާދުއްދީން ސްކޫލްގައި ރަޖިސްޓްރީ ވެފައި އެތައްކެއް ހާސް ދަރިވަރުން ތިބޭހޭ؟

    2
    3
    • ބޮޑުވަރު

      އެއޮތީ އެތައް ސަތޭކަ!! އެތަށް ސަތޭކަ ކުދިން ކިއަވާނެެ އެސްކޫލްގަ.. ހާހެއް ނޫން، ސަތޭކައިގެ ވާހަކަ ބުނެފަ އެއޮތީ...

  7. މަގޭ އަންހެނުން

    މީ ހާދަ ފޭމަސް ސްކޫލެކޭ. އަބަދު ނޫސްތަކުގެ ފަލަ ސުރުޚީ ގަ. އެކަޑަމިކަލީ ވެސް މިހާ ފޭމަސް ބާ. މަގޭ އަންހެނުން ބުނީ ނުދެނަ ހުރީމޯ ޔުނީފޯމު ބަދަލުވާ ކަމެއް.

  8. އައިސަ

    ނޫނޭ ހަމަ ވަރަށް ފޭމަސް އެހެން ސްކޫލް ތަށްވެސް