ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި ފިލްމީތަރި މުހައްމަދު ޔުނާންގެ އަނބިމީހާ ފާތިމަތު ރިހުލާ ފައިގައި ވާގިނެތް ކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްދިނުމަށް އެދެމުންދާ ކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

ރިހުލާގެ މައުލޫމާތު އެނގޭ އޭނާގެ ގާތް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ރިހުލާގެ ފައިގައި ވާގި ނެތް ކަމަށް ބުނެ އޭނާ ފައި ހަރަކާތް ނުކުރެވިގެން ޝަކުވާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ތެދެއް ކަމަކަށް ލަފާ ނުކުރެވޭ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

"އަހަރެމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިދާފައި އޮންނައިރު ބަރާބަރަށް ފައި ހަރަކާތް ކުރޭ. ކަރެކްޝަނަލް ސާވިސް އިން ބަރަބާރަށް އޭނާ ޑޮކްޓަރަށް ވެސް ދައްކާ ކަމަށް ވަނީ. އޭނާ އެބުނާ ފަދަ ސިއްހީ މައްސަލައެއް އޭނާ އަށް ދިމާވެފައިވާ ކަމަކަށް ނުބެލެވޭ ކަމަށް ޑޮކްޓަރުން ވެސް ބުނަނީ." މައުލޫމާތު ދިން މީހާ ބުންޏެވެ.

ޔުނާން އާއި ރިހުލާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ދެމީހުންގެ މައްޗަށް ދައުވާ އުފުލައި މިހާރު މައްސަލައިގެ ޝަރީއަތް ވެސް ވަނީ ފަށާފައެވެ. ނަމަވެސް މިއީ ކުޑަކުދިން ހިމެނޭ މައްސަލައަކަށް ވާތީ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ. އެހެންކަމުން މިހާރު ޝަރީއަތް ކުރިއަށް ގޮސްފައި އޮތް ހިސާބެއް ސާފެއް ނުވެއެވެ.

ރިހުލާގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް ކުރެއެވެ.

ރިހުލާގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި، އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއަކާއި، އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކަޑު އުފެއްދުމުގެ ދައުވާ އެވެ. ރިހުލާގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ މަދުވެގެން އޭނާގެ މައްޗަށް 50 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ގިނަވަގެން 61 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްް އައުން އެކަށީގެންވެއެވެ.

އެ މީހުން ޖިންސީ ގުޅުން ހިންގާފައި ވަނީ ޔުނާންގެ އާއިލާ ދެ ކުއްޖަކާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަފޭ

    ދެން ވާގި ދާނީ ކޮންތާކުން ކަމެއް ނޭގޭ އަވަހައް ތައުބާ ވާން ބުނޭ

    32
    • ސަޓޯ

      ނަސީބެއްނު މީހާ އެއްކޮއް ވާގި ނުގޮސް ހުރި ކަން..

  2. ވަރަށް ދެން

    ވަރަށް ގިނައިން ޖަލުގަ ޖައްސާ ސްޓަންޓެއް އެތަނުން ދޫކޮއްލާތޯ