ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެކު ރާއްޖެއިން މަތީ ފެންވަރުގެ މަޝްވަރާތަކެއް މި ހަފުތާގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ބައްދަލުވުން އޮންނާނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސްލްސްގައި ކަމަށެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރާއި އަދި ރާއްޖެއިން އީޔޫއަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު ޝިއާން އެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، އެ ވަފްދުން ޔޫރަޕިއަން ޕާލިމެންޓާއި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އިތުރުން އީޔޫގެ އެހެން މުއައްސަސާތަކާ ވެސް ބައްދަލުކުރައްވާނެ ކަމަށާއި، އެ ބައްދަލުވުންތަކުގައި އެކި ދާއިރާތަކުން އީޔޫ އާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

2015 ވަނަ އަހަރުން ފެށިގެން ރާއްޖެ އާއި އީޔޫއާ ދެމެދު މަތީ ފެންވަރުގެ މަޝްވަރާތަކެއް އަންނަނީ ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޭމުސްބޮންޑު

    ތިކިޔާ ލާދީނީ އީޔޫގެ ފައިބުޑަށް ސަރުކާރު ވެއްޓުނީދޯ.. އިދިކޮޅުލީޑަރުންނަށް އިންތިޙާބުގަ ބައިވެރިވެވޭނެ ކަމަށް އެއްބަސްވެގެން އަންނާތި.. އެހެންނޫނީ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުއަޅާނެކަން ޔަޤީން...