ފޮރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް 1،400 ބޮޑީ ވޯން ކެމެރާ ސަޕްލައި އަދި ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ގެޒެޓް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި ބީލަމުގައި ބައިވެރިވާން 1،500 ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.

ފައިސާ ބަލައިގަންނަނީ އޮގަސްޓު އެކަކުން 26 އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.

އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މެއިލްކުރަން މިނިސްޓްރީން އެދެއެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/390,000ރ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އަންނަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ އީމެއިލްކުރަން އިއުލާނުގައިވެއެވެ.

ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައިސީބީ) އުސޫލުގެ މަތިންނެވެ. އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިއަހަރު ތެރޭގައި ފުލުހުންގެ ޔުނިފޯމްގައި ކެމެރާ ހަރުކުރާނެ އަމާޒެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވީ މި ޓެކްނޮލޮޖީއާއެކު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެ ކަމަށެވެ. އެއާއެކު އިދާރާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި ފުލުހުންނާ ގުޅޭ ޝަކުވާތައް އަންނަ މިންވަރު މަދުވާނެ ކަމުގައި ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު