އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ގެ ނަމުގައި ފަށާފައިވާ ކެމްޕޭންގައި ބައިވެރިވުމާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެ ހަރަކާތުގައި ބައިވެރިވާން ޕީޕީއެމްއާއި ޕީއެންސީން ރަސްމީކޮށް ދައުވަތު ފޮނުވާފައިވާ ކަމަށް ބުނެފައިވަނީ އެމްއާރުއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭއަށެވެ. އެމްޑީއޭ ނޫނީ ދެން ހިމެނެނީ ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކެވެ.

އޮންލައިން ނޫސް "އަވަސް" އަށް ރައީސް މައުމޫން ވިދާޅުވެފައިވަނީ، އެ ކަމާ ގުޅޭ ގޮތުން އެމްއާރުއެމްގައި މިއަދު މަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އޭގެ ޖަވާބު ޕީޕީއެމްއަށް ފޮނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ޕީޕީއެމްއަކީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އެމަނިކުފާނުގެ ބޭބޭފުޅު، ރައީސް މައުމޫންއާ އެކު ދެ ބޭފުޅުން އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެވެ. މައުމޫނަކީ ޕީޕީއެމްގެ ފުރަތަމަ އިންތިޚާބީ ރައީސެވެ.

މައުމޫން އެ ޕާޓީން ވަކި ކުރެއްވީ، ރައީސް ޔާމީނާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން އެ ޕާޓީގެ ސުލޫކު ކޮމިޓީއަކުންނެވެ. އަދި ސިވިލް ކޯޓު މެދުވެރިކޮށް ސުލޫކު ކޮމިޓީގެ ނިންމުން ދިފާއު ކުރިއެވެ. އޭގެ ފަހުން ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ރައީސް ކަމަށް އިންތިޚާބުވީ ޔާމީނެވެ. އެމްއާރުއެމް މައުމޫން އުފެއްދެވީ އޭގެ ފަހުންނެވެ. އަދި އެމްއާރުއެމްގެ ފުރަތަމަ އިންތިޚާބީ ރައީސަށް މައުމޫން ވެވަޑައިގަތެވެ.

ޕީޕީއެމްއާއި ޕީއެންސީން އެރުވި މި ދައުވަތް ގަބޫލު ނުކުރާ ކަން އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ. އެމްޑީއޭއިން އަދި ވަކި ގޮތެއް ނުބުނެއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުން ވެސް ހިމެނޭ ގޮތަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ހަރަކާތެއްގައި ބައިވެރިވާން ދައުވަތު ދިން އިރު، މި ހަރަކާތަކީ އިންޑިއާގެ އަސްކަރީ ނުފޫޒުތައް ރާއްޖެއަށް އަންނަ ކަމަށް ބުނެ ފަށާފައިވާ ހަރަކާތެކެވެ.

ރައީސް ސޯލިހް އެންމެ ގާތް ގުޅުމެއް ބާއްވަވަނީ އިންޑިއާއާއެވެ. މި ވެރިކަމުގައި ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާއިން ދޫކުރާ ލޯނުތައް މެދުވެރިކޮށެވެ. މިފަދަ ބައެއް މަޝްރޫއުތަކުގެ ބޭނުމަކީ އިންޑިއާގެ އަސްކަރީ އަދި ޖާސޫސީ މަރުކަޒުތައް ރާއްޖޭގައި ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު މިކަން ދެ ގައުމުގެ ސަރުކާރުން ވެސް ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޙަފްޞާ

  ޕީޕީއެމް ޕީއެންސީގެ ތެރެޔަށް އެމްއާރުއެމް ނުވެއްދުން އެދެނެ

  17
  2
 2. ކޮވިޑް

  މުނާފިޤު މައުމޫނާ ކައިރި ނުވުމަށް އެދެން.

 3. ސަމާ

  އަހަރެންނަށް ހެޔޮ ކޮއްމެ ބަޔަކު ނިކުތަސް އަހަރެން ވޯޓްދޭނީ އައްޑޫ އާއި ރާއްޖޭގެ އެހެން ރައްތަކަށް ގަދަކަމުން އަރައިތިބި އިންޑިއާ ސިފައިން ބޭރުކުރާ ބަޔަކަށް.

 4. ސަމާ

  ގަބޫލުކުރިޔަސް ނކުރިޔަސް އިންޑިއާ ސިފައިން އައްޑޫގައި ތިބީ ވިސާނެތި، ގައުމުން ބޭރުވާން އެންގުމުން ބޭރުނުވެ ހަނގުރާމަ މަތީ ބޭނުންކުރެވޭ ފެންވަރުގެ ހެލިކަޕްޓަރަކާއި އެކު.

 5. ޖުމުހޫރީ މައިދާނުން

  ހާދަ އުފާވެރި ފޮޓޯފުޅެއް. ޢިންތިޒާރުކުރަން. ގައުމުގެ ޙައްގުގައި. އެއަރޕޯރޓް ދިވެހިންނަށްލިބިއްޖެ.