އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތައް ސިޓީ ކައުންސިލަށް ނެގި މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދަނިކޮށް، އެ ގޯތިތަކުގެ ބަދަލުގައި ދޭ ގޯތިތަކާއި ހަވާލުވުމަށް ގޯތިތަކުގެ ވެރިންނަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން ނިންމުމާ ގުޅިގެން، ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތައް ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމުގެ ކަންކަން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ވަނީ ފަށާފައި ކަމަށާއި ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތަކުގެ ބަދަލުގައި ދޫކުރެވޭ ގޯއްޗާއި ހަވާލުވުމަށް ގޯތީގެ ވެރިފަރާތުން 10 އޯގަސްޓް 2021 ގެ 14:00 ގެެ ކުރިން ހިތަދޫ އަވަށު އޮފީހަށް ހާޒިރުވެދެއްވުމަށް އަންގާ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބަދަލުކުރުމަށް ނިންމަވާފައިވާ ގޯތިތަކުގެ ވެރިފަރާތުން މިބަދަލު ގެނައުމާމެދު ނުރުހޭނަމަ އެކަން ވެސް 10 އޯގަސްޓް 2021 ގެ 14:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް ލިޔުމުން ހުށަހެޅުމަށް އިއުލާނުގައި ވަނީ އެދިފައެވެ. ކައުންސިލްގެ ނިންމުމާ އެއްގޮތަށް ގޯތި ބަދަލުކުރުމަށް އިއުތިރާޟްކުރާ ފަރާތްތަކުގެ ގޯތިތައް ބަދަލުކުރުމުގެ މައްސަލަ ޤާނޫނުގައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަހެޅޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައިވަނީ ގޯތިތަކުގެ ނަމްބަރު ވެސް އިއުލާނުގައި ވަނީ އާއްމު ކޮށްފައވެެ. ލިޔެކިޔުންތަކުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވިފައިވާ ގޯތިތައް ބަދަލުކުރުމަށް ނިންމަވާފައި ވީނަމަވެސް، އެގޯތިތައް ވެސް ލިސްޓްގައި ހިމަނާފައި ވެއެވެ.

ހިތަދޫ މެޖިސްޓްރޭޓުގައި ކޯޓުގައި އެ ކައުންސިލާ ދެކޮޅަށް ކުރިއަށް ދާ މައްސަލައިގައި މި ގޯތިތައް ދޫކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރުމާ މެދު މި މަހުގެ 11 ވަނަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލް ކައިރިން ކުރިން ދޫކޮށްފައިވާ 40 ގޯތި އަތުލަން ނިންމުމުން އެކަމާ ބައެއް ގޯތިތަކުގެ ވެރިން ހިތްހަމަނުޖެހި، ހިތަދޫ ކޯޓުގައި ކައުންސިލާ ދެކޮޅަށް ވަނީ ދައުވާކޮށްފަ އެވެ. އަދި މި މައްސަލަ ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ނިންމަން ކޯޓުން އިއްޔެ ވަނީ ތާވަލުކޮށްފަ އެވެ.