މެއި 2017 ގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މި ޝަރީއަތް ތާވަލުކޮށްފައި ވަނީ މިއަދު މެންދުރުފަހު 1:00 ޖަހާއިރުއެވެ. ޝަރީއަތް ކެންސަލްވިކަން އަންގައި ކްރިމިނަލް ކޯޓުން ވިދާޅުވީ ކެންސަލްވި ސަބަބަކީ އޮންލައިންކޮށް ކުރިއަށް ގެންދާ އަޑުއެހުމަށް މާފުށީ ޖަލުން އެ އަޑުއެހުން ގެންދާނެ ތަނެއް ހަމަނުޖެހުމުންނެވެ.

ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

ހއ.ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް މަރާލި މައްސަލައިގައި ދައުވާ ކުރާ ހަތަރު މީހުން ވެސް އެ މީހުންގެ މައްޗަށް ކުރާ ދައުވާއަށް އިންކާރު ކުރެއެވެ. ހަތަރު މީހުން ވެސް މި ވަގުތު ތިބީ ޖަލު ބަންދުގައެވެ.

މި ހަތަރު މީހުންގެ ތެރެއިން ގ. ޝާރާޒު މުހައްމަދު މަފާޒުގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް 24 ހެއްކެއް ހުށަހަޅާފައިވެއެވެ. އެއީ ސިއްރު 10 ހެއްކަކާއި، ޝަފަހީ ނުވަ ހެއްކަކާއި، ކިބާތީ ފަސް ހެއްކެކެވެ.

ލ.ގަން، ވިދާތަރި، އަލީ ނިފާޒްގެ މައްޗަށް ކުރާ ދައުވާ ސާބިތު ކުރުމަށް 23 ހެއްކެއް ހުށަހަޅާފައިވެއެވެ. އެއީ 11 ސިއްރު ހެއްކާއި، ޝަފަހީ ހަތް ހެއްކާއި، ކިތާބީ ފަސް ހެއްކެކެވެ.

ރ.އިންނަމާދޫ، ސަމަންތާ، ޙުސައިން ޝާމިންގެ މައްޗަށް ކުރާ ދައުވާ ސާބިތު ކުރުމަށް 13 ހެއްކެއް ހުށަހަޅާފައިވެއެވެ. އެއީ ސިއްރު ދެ ހެއްކާއި، ޝަފަހީ ހަތް ހެއްކާއި، ކިތާބީ ހަތަރު ހެއްކެކެވެ.

ގއ. ގެމަަނަފުށި، ހަވާސް، މުޙައްމަދު ކަރަމްގެ މައްޗަށް ކުރާ ދައުވާ ސާބިތު ކުރުމަށް 10 ހެއްކެއް ހުށަހަޅާފައިވެއެވެ. އެއީ ސިއްރު ދެ ހެއްކަކާއި، ޝަފަހީ އަށް ހެއްކެކެވެ.

މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ މަފާޒްގެ މައްޗަށް މަރުގެ އަދަބު އަންނާނެއެވެ. އެ ދައުވާ ސާބިތުނުވެ ދައުވާގައި ހިމެނޭ އެހެން ކަމެއް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ދެން ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ދައުވާގައިވާ ގޮތުން އެ މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުންނެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.