މިއަދު ރާއްޖެ އިން އިތުރު 116 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދު ކޮވިޑަށް ފައްސިވީ 112 މީހުން ކަމަށް ފުރަތަމަ އެޗްޕީއޭ އިން އިއުލާން ކުރި ނަމަވެސް ފަހުން ވިދާޅުވީ 116 މީހުން ފައްސިވެފައިވާ ކަމަށެވެ.

މިއަދު މާލެ އިން ފައްސިވީ 19 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 84 މީހުން މިއަދު ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 13 މީހުން މިއަދު ފައްސިވިއެވެ.

ރާއްޖޭގައި މިއަދު 6036 މިހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ %1.86 މީހުންނެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިއަދު 357 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. މިއަދަކީ ފާއިތުވި އަށެއްކަ މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބަލިން ރަނގަޅުވި ދުވަހެވެ. މިހާރު ކޮވިޑް ޖެހިފައި ތިބީ 2321 މީހުންނަށެވެ. މިއަދަކީ މިއަހަރުގެ ފެބްރުއަރީ މަހަށް ފަހު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު މިހައި ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 19 މީހުންނަށެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އޮގަސްޓް މަހުގެ ފާއިތުވި 11 ދުވަސް ތެރޭގައި އެންމެ ދުވަހަކު ފިޔަވައި ހުރީހާ ދުވަހަކު ވެސް 100 އަށް ވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ. މިމަހު އެންމެ ގިނައިން ކޮވިޑަށް މީހުން ފައްސިވީ އޮގަސްޓް 06 ވަނަ ދުވަހު އެވެ. އެދުވަހު 137 މީހުން ފައްސިވިއެވެ.

އޮގަސްޓް މަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 826 މީހުން މިހާތަނަށް ފައްސިވެފައި ވެއެވެ. އޮގަސްޓް މަހު މިހާތަނަށް މާލެ އިން ފައްސިވީ 268 މީހުންނެވެ. އަދި ރިސޯޓްތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުންނާއި ސަފާރީތަކުން ވަނީ 164 މީހުން ފައްސިވެފައެވެ. އޮގަސްޓް މަހު މިހާތަނަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 1258 އެވެ. އޮގަސްޓް މަހު 1537 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު