އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ހަތަރު ބޭފުޅެއްގެ ނަން ފޮނުވައިފިއެވެ.

މިއަދުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވެވި ނަންތައް އިއުލާން ކުރެއްވީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއެވެ.

އައިކޮމްއަށް އައްޔަން ކުރަން ފޮނުވި ނަންތައް

1. ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު 5345
2. އަހްމަދު އާއިދު ރަޝީދު، ހ. ގުރުވަ
3. އަޒްލީމާ އަހްމަދު، ދަފްތަރު 341
4. މަރިޔަމް އަލީން، ގ. ދާސްތާން

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒް މޫސާ އިސްތިއުފާ ދެއްވުމުންނެވެ.

ފިޔާޒް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގައެވެ. އެ މަގާމު ހުސްވުމުން މަގާމަށް ކުރިމަތިލާން ހުޅުވާލުމަށް ފަހު، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ބައެއް ނަންތައް މީގެ ކުރިން ވެސް ރައީސް މަޖިލީހަށް ފޮނުއްވިއެވެ.

އެކަމަކު މަޖިލީހުގެ ކޮމިޓީގައި ނަންތައް ދިރާސާ ކުރުމުގެ މަރުހަލާގެ ތެރެއިން، ކޮމިޓީގެ އިސް ބޭފުޅުން ވަކި ނަމެއް ފާސްކުރަން އުޅުމުގެ ތުހުމަތާއެކު ކޯރަމް ހަމަވާ ގޮތެއް ނުވިއެވެ. ފަހުން ވަނީ އަނެއްކާ ވެސް އެ ފުރުސަތު ހުޅުވާލައި އަނެއްކާ ވެސް ނަންތައް ފޮނުވާ ގޮތަށް ނިންމައިފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން އޮންނަ އިޖުރާއަތަކީ އެ މަގާމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަައް ދިރާސާ ކުރުމަށް ފަހު، މަޖިލީހުގެ ރުހުން ލިބިދޭ ކޮންމެ ވެސް އެއް ފަރާތެއް އައްޔަން ކުރެއްވުމެވެ.