ފުލުހުންގެ ސްވޮޓްގެ ޕްލެޓޫން އެއްގެ ކުރީގެ ކޮމާންޑާރ، ސައިފް ހުސެއިންގެ، މައްސަލައިގައި ސައިފްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝަޒައިލް ސިޔާމް އަދި ހޯމް މިނިސްޓްރީގެ ކުރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުލް ސަމަދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ އެ ދެ މީހުން ސައިފްގެ ފޯނު ފޮރުވާފައިވާތީ ކަމަށް ދައުލަތުގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ސައިފް ހުސެއިންގެ އިތުރުން ޝަޒައިލް ސިޔާމް އާއި ތަޒްމީލް އަބްދުލް ސަމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ، މި ތިން މީހުންގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ، ޤާނޫނީ ވެރިކަން ޣައިރު ޤާނޫނީކޮށް ވައްޓާލަން އުޅުމުގެ މައްސަލައިގައި ސައިފް ހައްޔަރުކޮށް އޭނާގެ ފޯނު ހޯދުމަށް ފުލުހުން މަސައްކަތް ކުރިއިރު ސައިފް، ޝަޒައިލް އާއި ތަޒްމީލާއެކު ހެންވޭރުގެ ކެފޭއެއްގައި އިނުމަށްފަހު ފޯނު މޭޒުމަތީ ބާއްވާފައި ދިއުމުން ފަހުން އެ ފޯނު ފުލުހުންނަށް ދޭން އެންގުމުން އެ ފޯނު ދީފައި ނުވުމުންނާއި، އެ ފޯނު ދިނުމަށް ޝަޒައިލް އާއި ތަޒްމީލަށް އެންގުމުން ފޯނު ނެތްކަމަށް ބުނެފައިވާއިރު، ފުލުހުން ކުރި މަސައްކަތުން އެ ފޯނު ފެނިފައިވެސް ނުވާތީ ކަމަށެވެ.

މިއަދުގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ތަޒްމީލް އަދި ޝަޒްމީލް ބުނީ މައްސަލައާއިގެން ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށާއި ނަމަވެސް މާލީ ހާލަތު ހުރިގޮތުން ކުއްލިއަކަށް ވަކީލަކު އައްޔަން ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށްވާތީ ވަކީލަކު އައްޔަން ކުރުމަށް އެކަށީގެންވާ ވަގުތެއް ދެއްވުން އެދޭ ކަމަށެވެ.

"ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު، މާލީ ހާލަތު ހުރިގޮތުން ވަކީލަކު ވަގުތުން އައްޔަންކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން" ތަޒްމީލް އަބްދުލް ސަމަދު ޝަރީއަތުގައި ބުންޏެވެ.

"މައްސަލައާއިގެން ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު، މައްސަލައިގައި ހައްޔަރު ކޮށްފައިވާތީ ވަޒީފާވެސް ގެއްލިފައިވާތީ މިވަގުތު މާލީ ހާލަތު އެހާ ރަނގަޅެއް ނޫން، ދައުވާއާއެކު ކުރަމުންދިޔަ ވިޔަފާރީގެ އެގްރީމެންޓްތައްވެސް ބާތިލު ކޮށްފައިވަނީ، އެހެންކަމުން ވަކީލަކު އައްޔަންކުރަން އެކަށީގެންވާ ވަގުތެއް ދެއްވުން އެދެން" ޝަޒައިލް ސިޔާމް ޝަރީއަތުގައި ބުންޏެވެ.

މިއަދުގެ ޝަރީއަތުގައި ސައިފް ބުނެފައިވަނީ، ތަހްޤީގު މަރުހަލާގައި ވަކީލަކު އައްޔަން ކޮށްފައި ވީ ނަމަވެސް މި މައްސަލައަށް ވަކީލަކު އައްޔަން ކޮށްފައި ނުވާނެ ކަމަށާއި، އެހެންކަމުން ވަކީލަކު އައްޔަން ކުރަން ފުރުޞަތެއް ބޭނުންވާ ކަމަށެވެ. އަދި ވަކީލުން ބޮޑެތި އަގުތަކެއް ހުށަހަޅަމުންދާތީ ވަކީލަކު އައްޔަން ކުރަން އެކަށީގެންވާ ވަގުތެއް ބޭނުންވާ ކަމަށްވެސް ސައިފް ޝަރީއަތުގައި ބުންޏެވެ.

މިއަދުގެ އަޑު އެހުމުގައި ގާޒީ ނިންމެވީ ޝަޒައިލް އާއި ތަޒްމީލަށް ވަކީލަކު އައްޔަން ކުރުމަށް 2018 ޖުލައި 5 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ފުރުޞަތު ދިނުމަށެވެ. ގާޒީ ވިދާޅުވީ ސައިފް މި މައްސަލައަށްވެސް ވަކީލަކު ހަމަޖައްސާފައިވާކަމަށް ލިޔެކިޔުންތަކުން ދައްކާ ކަމަށާއި އެހެންކަމުން ދެން އޮންނަ އަޑު އެހުމަކަށް ވަކީލާއެކު ހާޒިރުވުމަށް އަންގާ ކަމަށެވެ.

މި މައްސަލައިގައި ހެކި ހާމަ ކުރުން ފަސް ކޮށްދިނުމަށާއި ހެކި ރައްކާތެރިކޮށްދިނުމުގެ ވަގުތީ އަމުރަކަށް ދައުލަތުން އެދިފައިވާތީ، ހެކި ހާމަ ކުރުން ފަސްކުރުމަށާއި ހެކި ރައްކާތެރި ކުރުމަށް ވަގުތީ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތް ނިންމަވާލެއްވީ 2018 ޖުލައި 5 ވަނަ ދުވަހު މި މައްސަލައިގައި ތިން މީހުންވެސް ޖަވާބުދާރީވުމަށް ތައްޔާރުވުމަށް އެންގެވުމަށްފަހުގައެވެ.

ސައިފް ހުސައިންގެ މައްޗަށް އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމާއި، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައު ހުރަސް އެޅުމާއި، ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އަދި ޢާއްމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމުގެ ދައުވާވެސް ދައުލަތުން އުފުލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞަލާޙް

    މައުމޫނު ހިފާދޭނޭކަމަށްބުނި ހަނދުކޭތަ ފޮޓޯނަގަންތިބިމީހުންކަންނޭގެ މިއީ! ރީތިވެއްޖެނު؟

  2. ސަޒޫ

    ޝަޒައިލް. ޝަޒްމީލް މީ އެކަކަށް ކިޔާ ދެނަމެއްތަ؟