ހުޅުމާލެ އިހްތިސާސްގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުމަށް ބޭނުންވާ ބަޖެޓް އަންނަ އަހަރުގެ ބަޖެޓްގައި ސިޓީ ކައުންސިލަށް ލިބޭ ގޮތަށް ހަދައިދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން ހުޅުމާލެއަކީ މާލެ ސިޓީގެ އިހްތިސާސްގައި ހިމެނޭ ބައެކެވެ. އަދި މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާ ތަމްސީލް ކުރައްވާނެ ކައުންސިލަރަކު ވެސް އިންނަވައެވެ.

އެހެންވިޔަސް ހުޅުމާލެ ފުރަތަމަ ހިއްކި އިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ނަމުގައި ކުންފުންޏެއް އުފައްދައި، އެ ކުންފުނީގެ މިލްކެއްގެ ގޮތުގައި ހުޅުމާލެ ހަމަޖެއްސި އިރު، މި ސަރުކާރާ ހަމައަށް ވެސް ތަންފީޒު ކުރަނީ މި ސިޔާސަތެވެ.

ލާމަރުކަޒީ ގާނޫނުގައި އެހެން އޮތަސް، އެ ކަންކަން ކުރިއަށް ގެންދަނީ އަދިވެސް އެޗްޑީސީ ކަމުން މި ކަމާ މެދު މާލެ ސިޓީގެ ކައުންސިލަރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ކައުންސިލްގެ މެޖޯރިޓީ އޮތީ އިދިކޮޅު ޕީޕީއެމްއަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބިންތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ނިޔާޒް ވިދާޅުވީ މާލެ ސިޓީގެ އިހްތިސާސްގައި ހިމެނޭ ހުޅުމާލެއަށް ސިޓީ ކައުންސިލްގެ ބާރު ނުފޯރުވޭތީ ކައުންސިލާއި ހުޅުމާލޭގެ ރައްޔިތުންގެ ކަންބޮޑުވުން ވެސް އެބަ އޮތް ކަމަށެވެ.

އެހެންވިޔަސް ކުރިމަތިވާ އެހެން މައްސަލައަކީ ހުޅުމާލެ މުނިސިޕަލް ޚިދުމަތް ދޭން ބޭނުންވާ ވަރަށް ސިޓީ ކައުންސިލްގައި ބަޖެޓް ނެތުން ކަން ނިޔާޒް ފާހަގަ ކުރެއްވިއެވެ. އެހެންވެ އެޗްޑީސީގައި އެ ކަމަށް މިހާރު ކަނޑައެޅިފައިވާ ބަޖެޓް ސިޓީ ކައުންސިލަށް ދޭން އެދިފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"އެޗްޑީސީގެ ބަޖެޓް ކައުންސިލަށް ޓްރާންސްފާ ކޮށްދޭން ސިޓީ ކައުންސިލުން އެދުން. މި ކަމަށް އޮތް ހައްލަކީ އެޗްޑީސީއާއެކު އެއްބަސްވުމަކަށް ދިއުން. އެކަމަކު އެއީ ދާއިމީ ހައްލެއް ނޫން." ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި، އެ މައްސަލައިގެ ދާއިމީ ހައްލެއް ގެނެވެން އަންނަނީ އަންނަ އަހަރުގެ ބަޖެޓާ ހަމައިންނެވެ. އެއީ އަންނަ އަހަރަށް ލަފާކޮށް އެކުލަވާލާ ދައުލަތުގެ ބަޖެޓްގައި ސިޓީ ކައުންސިލްއަށް ބޭނުންވާ އެ ބަޖެޓްގައި ހިމަނައިގެންނެވެ.

"ދާއިމީ ހައްލަކީ އަންނަ އަހަރުގެ ބަޖެޓްގައި ހުޅުމާލޭގެ ޚިދުމަތަށް ބޭނުންވާ ފައިސާ ހިމެނުން. އެ ބަޖެޓް ދިނުމުން ސިޓީ ކައުންސިލުން ކުރާ ގޮތަށް. އެ ކަން ކުރަން އަޅުގަނޑަށް ކުރެވެން ހުރި މަސައްކަތެއް ކުރާނަން." ނިޔާޒް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ހުޅުމާލޭގެ މައްސަލަ ބޮޑުވެފައިވާއިރު، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ހުޅުމާލެ ގެންގޮސްދޭން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.