ރަހީނުކޮށް ކުޑަ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުވާ އުފުލާފައިވާ ނ.ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ ޝަރީއަތް ގެންދަނީ މީޑިއާއާއި އާންމުން ނުވަދެވޭ ގޮތަށް ސިއްރުން ކަން ކްރިމިނަލް ކޯޓުން އަންގައިފިއެވެ.

ޒިހާންގެ މައްޗަށް އުފުލާފައިވާ 13 ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އޮތީ މިއަދު ހެނދުނު 11:00 ގައެވެ. އެ އަޑުއެހުމާއި މުޅި ޝަރީއަތް ގެންދަނީ ސިއްރުން ކަން ކްރިމިނަލް ކޯޓުން ވަނީ އަންގައިފައެވެ.

އާންމު ގޮތެއްގައި ކުޑަކުދިންނާ ގުޅުން ހުރި ގިނަ މައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުންނެވެ.

ޒިހާންގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޒިހާންގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޖިންސީ ގޯނާގެ ފަސް ދައުވާއެއް ވެސް ހިމެނެއެވެ.

އޭނާގެ މައްޗަށް މައިގަނޑު ގޮތެއްގައި ކުރި ކަމަށް ތުހުމަތު ކުރަނީ ހަތަރު ކަމަކަށެވެ. އެއީ ޖިންސީ ގޯނާ ކުރުމުގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެކަށީގެންވާ ވަރަށް ހެކި ލިބިފައި ވުމުން ޝަރީއަތް ނިމެންދެން ހުރީ ބަންދުގައެވެ.

މާލޭގައި ދިރިއުޅެމުން އަންނަ އެ ކުއްޖާ ގެއްލުނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. އެ ކުއްޖާ ނުފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ޖެހިގެން އައި އާދީއްތަ ދުވަހުއެވެ. އެއާއެކު ފުލުހުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ކުއްޖާ ވަނީ ރަހީނު ކޮށްފައެވެ. ފުލުހުން ކުރި މަސައްކަތުން އެ ކުއްޖާ ފެނުނުއިރު އޮތީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މޫދުގައި ފޮއްޓަކަށް ލައި މަރާލައިފައެވެ.

މަރާލާފައިވާ އެކުއްޖާގެ ހަށިގަނޑު ފެނުނީ އާންމުންގެ މީހަކު، ހުޅުމާލެ ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެމީހާ ރިޕޯޓުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެއެވެ.

މި މައްސަލައިގައި ޒިހާންއާ އެކު އެކަމުގައި ބައިވެރިވި އިތުރު މީހަކު ވެސް ހައްޔަރު ކުރިއެވެ.