ފުވައްމުލަކު ސިޓީގައި ކޮވިޑް-19އަށް ޓެސްޓު ނުކުރެވޭތީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި މިހާރު ހުރީ ޕޮއިންޓް އޮފް ކެއާ މެޝިނެކެވެ. އެ މެޝިނުން ހަމައެކަނި ޓެސްޓު ކުރެވެނީ ބަލީގެ އަލާމާތްތައް ހުންނަ މީހުންނެވެ.

އެހެނިހެން ސުންކުތައް ޓެސްޓުކުރަން ފޮނުވަނީ އައްޑޫ ސިޓީއަށެވެ. ޓެސްޓުތަކުގެ ނަތިއްޖާ ލިބެނީ 48 ގަޑިއިރު ފަހުންނެވެ. އެ ކަންބޮޑުވުން އެ ރަށު ކައުންސިލުންވެސް ވަނީ ފާޅުކޮށްފައެވެ. ނަމަވެސް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެ ރަށުގެ އެމްޑީޕީގެ ތިން މެންބަރުންކުރެ މެންބަރަކު މިކަމާއި ގުޅޭ ގޮތުން މަޖިލީހުގައި ނުވަތަ އެހެން ޕްލެޓްފޯމެއްގައި ވެސް ވާހަކަ ދައްކަވާފައެއް ނުވެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޕީސީއާރް މެޝިނެކޭ ކިޔާފައި" އެ ރަށަށް ގެންދިޔަ މެޝިނަށް ތިން މަސްވާއިރު ހިދުމަތް ނުލިބޭ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ރަށުން ބޭރަށް ފޮނުވައިގެން ޓެސްޓުގެ ނަތީޖާއަށް އިންތިޒާރުކުރަން ޖެހުމަކީ ޒިންމާދާރު ކުޑަކަމެއް ކަމަށް ވިދާޅުވިއެވެ.

"ރަށުން ބޭރަށް ފޮނުވައިގެން 5-4 ދުވަސް ފުވައްމުލަކު ރައްޔިތުން ގޭބަންދުގައި، ރަށު ބަންދުގައި ޓެސްޓުގެ ނަތިއްޖާއަށް އިންތިޒާރު ކުރަން ޖެހުމަކީ ޒިންމާދާރު ކުޑަކަމެއް" އޭނާ ވިދާޅުވިއެވެ.

ހިދުމަތްތައް އަވަސްވުމަކީ ރައްޔިތުންގެ އުއްމީދެއް ކަމަށް ޓްވީޓް ނިންމަވާލައްވަމުން ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ.

ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގް (އިއްސެ) މީގެ ކުރިން "ވަގުތު" އަށް ވިދާޅުވީ ދާއީމީ ގޮތެއްގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމަކީ ރައްޔިތުންގެ ތެރޭގައި އޮތް ކަންބޮޑުވުމެއް ކަމަށެވެ. ކުއްލި ހާލަތުގައި ރަށުން ބޭރަށް ދާން ޖެހުމުންވެސް ރަށުން ޓެސްޓުތައް ހެދޭނެ ގޮތް ނެތުމުގެ ކަންބޮޑުވުން މާބޮޑު ކަމަށް ވިދާޅުވިއެވެ.

"ކުއްލިއަކަށް ރަށުން ބޭރަށް ދާން ޖެހުނަސް މި ޖެހެނީ އައްޑޫއަށް ފޮނުވައިގެން ނަތީއްޖަ ލިބެންދެން މަޑުކުރަން" އިއްސެ ވިދާޅުވިއެވެ.

މި ވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ފުވައްމުލަަކުން ބޭރަށް ފުރޭނީ ކައުންސިލްގެ ހުއްދައާއެކުއެވެ.

މޭޔަރު ވިދާޅުވީ ޓެސްޓު ނެހެދޭތީވެ ހުރި ކަންބޮޑުވުންތައް ހެލްތް މިނިސްޓްރީއާ ހިއްސާކުރައްވާފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ބަންދު ކުރި ފުވައްމުލަކުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު ނުވަޔަކުން .ފަތިހު ހަތަރަކަށް ކާފިޔު ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތުނިޔަ

    އެހެންވެދާނެ ނޫންތޯ؟ ޢއާދަމްގެ އަނބި ކަނބަލުންގެ ރަށް އެއީ.

  2. ހަސަނު

    ތިންމެމްބަރުން ތިބެގެން ސަރުކާރަށް ސަނާކިޔާ އަތްތިލަބަޑިޖަހާ އަދިވެސް. ލަދުގަނޭ.. ބޯހަލާކު.

  3. ސިމާ

    ކޮންތާކު ކުރެވެނީ؟ހަވަރު ތިނަދޫގަވެސް ނުކުރެވޭ..އިހަކަށް ދުވަހު އަމިއްލަ ފަރާތަކުން ޓެސްޓްކުރެވޭގޮތް ހެދީ.ސަރުކާރު ލަނދުގަންނަން ޖެހޭނެ.ބޭރުގެ އެހީއާ ދެއަހަރުގެ ދައުލަތުގެ ބަޖެޓް ކޮބާ؟ކޮންމެ ދުވަހަކު މިޖެހެނީ ކަޅުފޮށީގަ ހުރިހާ ރަށަކުން މާލެފޮނުވަން.ދެދުވަސް ތިންދުވަސް ފަހުން ނަތީޖާ މިލިބެނީ.އެއިރު އޮންނަނީ ވާނެ އެއްޗެއްވެފަ.އަދިވެސް ޔާމީނު ވަގެކޭ ވަގެކޭ މިކިޔަނީ.ޔާމީނުވަރުގެ ވެރިޔަކު އަދި މިގައުމަކަށް ނާދޭ.ދެންވެސް ވޯޓް ދޭނީ ޔާމީންއަށް.

  4. ޢަލީ

    ތިޔަ ބުނާ ތިން މެންބަރުންނަކީ ބިޑަކާ ނުލާ ސަރުކާރުގެ ޕްރޮޖެކްޓްތައް ނަގަން ތިބި ބައެއް. މިހެން ދައްކަން ވަރަށް ގިނަ ވާހަކަ އެބަހުރި. ބޭކާރު 3 ބޯ