ސްރީލަންކާ އިން ވެލި އާއި ހިލަވެލި ގެނެސްގެން ރާއްޖޭގެ ރަށެއް ހިއްކަން އުޅޭ ކަމުގެ ވާހަކަތައް ލަންކާއިން ދޮގުކޮށްފިއެވެ.

ގަވާއިދާ ހިލާފަށް ލަންކާގެ އެކި ސަރަހައްދުތަކުން ވެލި ނަގައިގެން ރާއްޖެ އެތެރެކުރަމުންދާ ކަމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ޓެމިލް ނެޝަނަލް އެލައިންސްގެ މެންބަރު ޗަނަކްޔަ ރަސަމަނިކަމް ވަނީ ތުހުމަތު ކުރައްވައިފައެވެ.

އެކަން ކުރައްވަމުން ގެންދަވަނީ ސްރީލަންކަން ފްރީޑަމް ޕާޓީގެ މިނިސްޓަރުކަމަށް ވެސް އޭނާ ތުހުމަތުތައް ކުރެއްވިއެވެ. އެ މައްސަލައަށް ހައްލެއް ހޯއްދަވައި ދިނުމަށް އޭނާ ވަނީ ގާނޫނު ހަދާ މަޖިލިހުގެ ރިޔާސަތުގައި އެދިވަޑައިގެންނވެިއެވެ.

ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ލަންކާގެ ޖިއޮލޮޖިކަލް ސާވޭ އެންޑް މައިންސް ބިއުރޯ (ޖީއެސްއެމްބީ) އިން ބުނީ މިހާރު އަމަލުކުރަމުންދާ މިނަރަލް ޕޮލިސީގެ ދަށުން އެއްވެސް ވައްތަރެއްގެ ވެލި ނުވަތަ އެއްވެސް މައުދަނެއް އެކްސްޕޯޓް ކުރުމަށް ހުއްދަ ދޫނުކުރާ ކަމަށެވެ.

އެ ބިއުރޯގެ ޑައިރެކްޓާ ޖެނެރަލް އަދި އިންޖިނިއަރު ޑރ.ސައްޖާނަ ޑި ސިލްވާ ވިދާޅުވީ ވެލި އެކްސްޕޯޓްކުރަން ޕާމިޓް ދެނީ ވަޒީރުންގެ މަޖިލީހުން ހުއްދައާ އެކު ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ޕޫލެއް ހަދާ ކޮންސްޓަރްކްޝަން ކުންފުންޏަކުން އެދުމުން ވެލި އެކްސްޕޯޓް ކޮށްފައިވާނެ ކަމަށް ޖީއެސްއެމްބީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު