ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ ކޮވިޑްގެ އަލާމާތްތަކެއް ހުރެގެން އެހޮސްޕިޓަލަށް އިއްޔެ ދެއްކި މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

ގަމު ކައުންސިލުން ބުނީ ކޮވިޑްގެ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވުމުން އޭނާ އާއި ގާތުން އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.

ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވި ނަމަވެސް އަދި ގަން މޮނިޓަރިން ހާލަތައް ގެނެސްފައެއް ނުވެއެވެ.

ދެމަހެއްހާ ދުވަހު ލ.ގަމާއި ފޮނަދޫ މޮނިޓަރިންގައި ބޭއްވުމަށް ފަހު މޮނިޓަރިން އުވާލީ ޖުލައި މަހުއެވެ. އޭގެ ފަހުން އޮގަސްޓް މަހު ވެސް ގަމާއި ފޮނަދޫ މޮނިޓަރިންގެ ހާލަތައް ގެނައެވެ. ނަމަވެސް އޮގަސްޓް މަހު ވަނީ ވަރަށް އަވަހަށް މޮނިޓަރިން އުވާލާފައެވެ.

ލ.އަތޮޅަކީ މާލެ ފިޔަވައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވި އަތޮޅެވެ. މިހާތަނަށް ލ.އަތޮޅުން ކޮވިޑް ޖެހިގެން އަށް މީހަކު ނިޔާވެފައި ވެއެވެ.