ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ އެމްއާރްްއެމްގެ ރައީސް ކަމަށް އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކުރިމަތިލައްވައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ފާރިސް، އެމްއާރުއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމަވައި ފޯމް ހުށަހެޅުއްވީ ރޭގެ ވަގުތެއްގައެވެ. ފާރިސްގެ އިތުރުން އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ.

އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް ކުރިމަތިލެއްވި އިރު، ސިޔާސީ މަސައްކަތުން އޭނާ ނުފެންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އޭނާ އެންމެ ފަހުން އާންމުންނަށް ސިޔާސީ މަސައްކަތުން ފެނުނީ ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިންގައެވެ. މަޖިލިހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވައިގެން އޭނާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.

ފާރިސްގެ ނަން ސިޔާސީ މައިދާނުގައި މަޝްހޫރުވެގެން ދިޔައީ, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން ޕީޕީއެމްގައި ހުންނަވައި އަޑު އުފުއްލަވަން ފެއްޓެވުމުންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ވަކި ކުރަން ޕީޕީއެމް ތެރެެއިން ފެށި މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ފާރިސްއެވެ.

އެކަމުގައި ރިޝްވަތު ބެހި ކަމުގެ ތުހުމަތުކޮށް, ފާރިސް ހައްޔަރު ވެސް ކުރިއެވެ. އޭނާގެ މައްޗަށް އެ މައްސަލައިގައި ދައުވާ ވެސް އުފުލިއެވެ. ނަމަވެސް, ވެރިކަން ނިމުމާއެކު ކޯޓުތަކުން ވަނީ ފާރިސްއާ ދެކޮޅަށް ހުރި މައްސަލަތައް ބޭރުކޮށްލާފައެވެ.

މީގެ ދެ އަހަރު ކުރިން، 2019 ވަނަ އަހަރުގެ ތެރޭގައި އުފެއްދި އެމްއާރުއެމްގެ ފުރަތަމަ ކޮންވެންޝަން ޖަލްސާ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ބާއްވަން އޮތީ ކަނޑައަޅާފައެވެ. ޕާޓީގެ ކޮންގްރެސް ޖަލްސާއަކީ އެ ޕާޓީއެއް ރަޖިސްޓްރީ ކުރާތާ ކުޑަ މުއްދަތެއްގެ ތެރޭގައި ބާއްވަންޖެހޭ ޖަލްސާއެކެވެ.

އެމްއާރްއެމްގެ އިސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދާ ހަމަައަށް ވަނީ ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިއްތިފާގު

    ޒައީމަކަށް ބައްޕާފުޅު
    ރައީސަކަށް ދަރިކަލުން
    ނައިބްރައީސަކަށް ދަރިކަނބަލުން
    އެޑްވައިޒަރަކަށް އަނބިކަބަލުން
    ހަޒާންދާރަކަށް ޅިޔަނު
    ތިޔަޕާޓީގަ ނެތެއްނުން އެހެން މީހަކަށް ދޭނެ މަގާމެއް