ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނާ ގުޅޭ ގޮތުން ތަފާސް ހިސާބުތައް އެއްކުރާ ބޯހިމެނުން، އަންނަ އަހަރުގެ ސެޕްޓެމްބަރު 17 ގައި ފަށަން ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ 2014ގައެވެ.

އަންނަ އަހަރުގެ ބޯހިމެނުމުގެ ތާރީހު އިއުލާންކޮށްދެއްވީ، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ކުރު ވީޑިއޯ މެސެޖެއްގައި އަސްލަމް ވިދާޅުވީ ބޯހިމެނުމަކީ ގައުމު ކުރިއަރާ ދިޔުމަށް ރާވާ ކަންކަމުގައި އާންމުންގެ ބައިވެރިވުން ވަރަށް ބޮޑަށް އޮންނަ މަސައްކަތެއް ކަމަށެވެ. އަދި ބޯހިމެނުމުގައި ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތަރައްގީގެ ކަންކަން ޕްލޭންކޮށް ހިންގުމަށް ބޭނުންވާ އަސާސީ މައުލޫމާތު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ ހުރިހާ ބޭފުޅުންވެސް މިފަހަރުގެ ބޯހިމެނުމަކީ އަހަރެންގެ ބޯހިމެނުން ކަމުގަ، އެ އަޒުމުގަ އަޅުގަނޑުމެން އެންމެން މިކަމުގަ ބައިވެރިވުން،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިފަހަރުގެ ބޯހިމެނުން ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރު 30 ،ގައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕޮޕިއުލޭޝަން އެންޑް ސްޓެޓިސްޓިކްސްގެ ހެޑު ފާތުމަތު ރިޔާޒާ ވިދާޅުވީ ބޯހިމެނުމަށް ވާން ޖެހޭ އިދާރީ ތައްޔާރީތައް މިހާރު ވެސް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެންމެ ބޮޑު މަސައްކަތަކަށް އޮންނާނީ ސުވާލުތައް އެކުލަވާލުމެވެ.

އަންނަ އަހަރުގެ ބޯހިމެނުމަށް މިހާރުން ފަށައިގެން ތައްޔާރުވާ އިރު، ބޯހިމެނުމަށް 4،300 އެއްހާ މަސައްކަތްތެރިން ބޭނުންވާނެ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ލަފާ ކުރެއެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޝިއާރަކީ "މީ އަހަރެމެންގެ ބޯހިމެނުން، އަހަރެމެންވެސް ބައިވެރިވާނަން،"އެވެ.

ކިޔުންތެރިންގެ ހިޔާލު