ޖިންސީ ގޯނާއާއި ދެކޮޅަށް އެފަދަ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް އަދަބު ދިނުމަށް ގޮވާލާ އައްޑޫސިޓީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

"ހައްޔަރުކުރޭ" ނަމުގައި ކުރިއަށް ގެންދާ މި މުޒާހަރާ ފަށާފައިވަނީ މިއަދު ހަވީރު 16:30 އެހާކަންހާއިރު އެވެ. އައްޑޫގެ ގިނަ ބަޔަކު ނުކުމެ ކުރާ މިމުޒާހަރާއަކީ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ފަރާތަކުން ކުޑަ ކުއްޖަކު ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ބާއްވާ މުޒާހަރާއެވެ.

މި މުޒާހަރާގައި އައްޑޫގެ ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އެސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ.

ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން--ފޮޓޯ: މީސްމީޑިއާ

މި މުޒާހަރާ އެސިޓީގެ ސިޓީ ސްކޮއާ ކައިރިން ފަށާފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ހިތަދޫގައި ހުންނަ ފުލުހުންގެ އިދާރާގެ ބައެއް ފުލުހުންނާއި ބައްދަލުކޮށް އެކަމުގައި ތުހުމަތު ކުރެވޭ ފުލުހުންގެ މީހާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ.

"ވަގުތު" އަށް މައުލޫމާތު ހިއްސާ ކުރި މީހަކު ބުނީ، އެކަމުގައި ތުހުމަތު ކުރެވިފައިވަނީ ހިތަދޫ ފުލުހުންގެ އިދާރާގެ ފޮރެންސިކް ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހަކަށް ކަމަށެވެ.

ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން--ފޮޓޯ: މީސްމީޑިއާ

އެ ކުއްޖާގެ އާއިލާގެ މެމްބަރަކު "ވަގުތަށް" ބުނީ ކުއްޖާ އާއި އިތުރު މީހުންގެ ބަޔާންތައް ފުލުހުން ނަގާފައިވީ ނަމަވެސް މިހާތަނަށް އައިއިރު ފުލުސް މީހާ ހައްޔަރުނުކޮށް ވަނީ ބައެއްގެ ނުފޫޒުން ކަމަށެވެ. އަދި އެމީހާ ހައްޔަރުނުކޮށް ހުރީމަ، މައްސަލައަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

އަދި ކުއްޖާގެ އަގު ވައްޓާލަން ރަށު ތެރޭގައި އެކި ވާހަކަތައް ދައްކަމުންދާ ކަމަށް ވެސް އާއިލާ އިން ތުހުމަތު ކުރެއެވެ.

ޖިންސީ ގޯނާއާއި ދެކޮޅަށް އައްޑޫގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން--ފޮޓޯ: މީސްމީޑިއާ

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާ ޖިންސީ ގޯނާކޮށްފައި ވަނީ އޭނާގެ އަނބިމީހާގެ ދައްތަގެ ދަރިއަކަށެވެ. އެއަންހެން ކުއްޖާއަށް ފުލުސް މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.