މިއަދު ރާއްޖެ އިން އިތުރު 86 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދަކީ ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިމަހު ޖެހިޖެހިގެން ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

މިއަދަކީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވީ 38 މީހުންނެވެ. މިއަދު މާލެ އިން ފައްސިވީ 36 މީހުންނެވެ. ރިސޯޓްތަކުން މިއަދު 16 މީހުން ފައްސިވިއެވެ. މިއަދަކީ ޖުލައި މަހުގެ 18 ވަނަ ދުވަހަށް ފަހު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ވަނީ 5127 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އޭގެތެރެއިން ކޮވިޑަށް ފައްސިވީ %1.68 މީހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ސެޕްޓެމްބަރ މަހު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2136 އަށް އަރާފައެވެ. އޭގެތެރެއިން 1215 މީހުން ފައްސިވީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. މާލެ އިން ސެޕްޓެމްބަރ މަހު ފައްސިވެފައި ވަނީ 703 މީހުންނެވެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން ސެޕްޓެމްބަރ މަހު ވަނީ 218 މީހުން ފައްސިވެފައެވެ.

މިހާރު ރާއްޖޭގައި 1774 މީހުން ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 18 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 144 މީހަކު މިއަދު ވަނީ ކޮވިޑުން ރަނގަޅުވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 83248 އަށް އަރައެވެ. އޭގެތެރެއިން 81234 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން 228 މީހަކު ރާއްޖެ އިން ވަނީ ނިޔާވެފައެވެ.

ކޮވިޑުން ދިފާއުވުމަށް މިހާތަނަށް 390285 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ވެކްސިންގެ ދެޑޯޒް 328630 މީހުން ވަނީ ފުރިހަމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ ބުނީ

    އަދަދުތައް ދަށައް ދާންފަށައިފި އިންތިހާބެއް ކައިރިވީބާ އަނެއްފަހަރު.