ކޮވިޑް-19އާ ގުޅިގެން މިހާރު މޮނީޓަރިންގް ހާލަތަށް ގެނެސްފައިވާ އައްޑޫ ސިޓީގެ ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން ފަށަން ނިންމައިފިއެވެ.

ކޮވިޑާއި ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތައް ބަންދުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ވަކިން އޮންނަ ހުޅުމީދޫ ބަންދުކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ ސިޓީގައި ކޮވިޑްގެ ވޭދަނަތައް ދަނީ ފެންނަމުންނެވެ.

އައްޑޫ މޮނީޓަރިންގ ހާލަތަށްލުމާއެކު ގްރޭޑް ނުވަ އަކުން މަތީގެ ކުދިންނަށް ކިޔަވާދެމުން ދިޔައީ އޮންލައިންކޮށެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އައްޑޫގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ސްކޫލްތަކުގެ މެނޭޖްމެންޓާއި ބެލެެނެެވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން، އައްޑޫގެ ޓާސްކް ފޯސް ކޮމެޓީން މިވަގުތު އައްޑޫގެ ހާލަތު ރިވިއުކޮށް އެޗްޕީއޭއިން އެރުވި ލަފައިގެ ޖަވާބު ލިބިފައިވާ ކަމަށެވެ. އޭގައި އޮތީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފައިވާ ގޮތުގެ މަތިން ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއެކު ސްކޫލަސް ހާޒިރުކޮށްގެން ކިޔެވުން ކުރިއަށްގެންދިއުން އެންމެ ރަނގަޅު ކަމަށެވެ.

އެހެންކަމުން މާދަމާއިން ފެށިގެން އައްޑޫގެ ސްކޫލްތަަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވާދޭން ފެށޭނެ ކަމަށް އެ ސިޓީގައި ވެއެވެ.

އައްޑޫން މިހާތަނަށް 1228 މީހަަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރޭގައި ރެއާއި ހަމައަށް 262 މީހަކަށް ފަރުވާދެމުންދާއިރު، އެ ބަލީގައި އައްޑޫން ތިން މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު