ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ އޭނާއަށް ވުރެ މާ މޮޅު ކަމަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރ ޕައުލް ޕޮގްބާ ބުނެފިއެވެ.

ވޯލްޑްކަޕްގެ ގަދަ 16 ގައި ރޭ އާޖެންޓީނާ ބަލިކޮށް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި މެޗަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެމުން ޕޮގްބާ ބުނީ އެމްބާޕޭ އަކީ އޭނާއަށް ވުރެ އެތަށް ގޮތަކުން ހުނަރުވެރި އަދި މޮޅު ކުޅުންތެރިއެއް ކަމަށެވެ.

އުމުރުން 25 އަހަރުގެ ޕޮގްބާ ބުނި ގޮތުގައި އުމުރުން 19 އަހަރުގެ ޒުވާން އެމްބާޕޭ އާއި އޭނާ އެއްވެސް ގޮތަކަށް އަޅާ ނުކިޔޭނެ ކަމަށެވެ.

" އެމްބާޕޭގެ ދުވެލި ވަރަށް ބާރު. އަދި އުމުރުން 19 އަހަރުގައި އޭނާ އެވަނީ ތަފާތު ދައްކައިފައި. އަހަރެންގެ ގަޔަކު އެމްބާޕޭއަށް ލިބިފައިވާ ހުނަރެއް ނެތް. އެހެންކަމުން އަހަރެން އެމްބާޕޭއާއި އަޅާ ނުކިޔޭނެ" ޕޮގްބާ ބުނެފައިވެއެވެ.

ރޭގެ މެޗުގައި އާޖެންޓީނާ ކޮޅަށް ދެ ގޯލުޖަހައި އެމްބާއްޕޭ ވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭގެ 60 އަހަރުވީ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. އެގޮތުން އެމްބާޕޭއަކީ ޕެލޭ ފިޔަވައި ވޯލްޑަކްޕްގެ މެޗެއްގައި އެއް ގޯލަށް ވުރެއް ގިނަ ގޯލު ޖެހި ފުރަތަމަ ހަނގު ކުޅުންތެރިޔާއެވެ.

އެމްބާޕޭއަށް ޕޮގްބާ ތައުރީފް ކޮށްފައިވާއިރު މީގެ ކުރިން ޕޮގްބާ ވަނީ ގްރީޒްމަންއަށް ވެސް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން ޕޮގްބާ ބުނީ ގްރިޒްމަން އަކީ ހުނަރުން ފުރިގެންވާ ތަފާތު ކުޅުންތެރިއެއް ކަމަށެވެ.

ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސް ބައްދަލު ކުރަން ޖެހޭނީ ޕޯޗުގަލް ކަޓުވާލުމަށްފަހު ކުއާޓާގެ ޖާގަ ކަށަވަރުކުރި އުރުގުއޭ އާއެވެ.