ރައްޔިިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވައިފިއެވެ.

އީސަގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އީސަގެ މައްޗަށް އެ ދައުވާ ކުރަނީ އޭނާގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތުގައެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން މި ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހެވެ. އަދި ކުށުގެ އަދަބު މަތީވާނެ ހާލަތްތަކާއި ދަށް ވާނެ ހާލަތްތައް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާއިރު އެންމެ މަތީ އަދަބަކަށް ވެސް ހިމެނެނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެވެ.

މިިމައްސަލައިގެ ޝަރީއަތް އިއްޔެ ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، ދައުލަތުން ވަނީ އެ ޝަރީއަތް ސިއްރުން ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެހެންކަމުން ކޯޓުގައި އީސަގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުންނެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އިއްޔެ ކުރިއަށް ދިޔަ އީސަގެ އަޑުއެހުމުގައި ދައުވާ އިއްވުމުން އޭނާ ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.

މި އަޑު އެހުމުގައި އީސައާ ދެކޮޅަށް ދައުލަތުން ހެކި ހުށަހަޅާފައިވާއިރު، އީސަގެ ފަރާތުން ދިފާއުގައި ހެކި ހުށަހަޅަން ވެސް ވަނީ ފުރުސަތު ދީފައެވެ.

އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވެ އެންމެ ފުރަތަމަ އީސައާ ދެކޮޅަށް ބަޔާން ވެސް ދެއްވައިފައެވެ. އެކަމަކު ފަހުން މައްސަލަ ކުރިއަށް ނުގެންދަން އޭނާ އެދިވަޑައިގަތެވެ.

އީސަގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އަސްރާ އެދުނު ނަމަވެސް ފުލުހުން ވަނީ ޖިނާއީ ތުހުމަތެއް ހިމެނޭ ކަމަކަށް ވާތީ މައްސަލަ ކުރިއަށް ގެންދަން ނިންމައި ތަހުގީގު ފުރިހަމަކޮށްފައެވެ. އީސަގެ މައްޗަށް ދައުވާ އުފުލަން ނިންމީ ޕީޖީ އޮފީހަށް މައްސަލަ ފޮނުވިތާ ހަފުތާއެއް ވެސް ނުވަނީހެވެ.

އީސައަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ މިހާތަނަށް ވިދާޅުވެފައިވަނީ ގާނޫނު އަސާސީއާ ގާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ނުރައްކާ ކަމަށެވެ.

އަދި "އަޅުގަނޑަކީ ސިޔާސީ މީހެއް، ސިޔާސީ މީހުނަށް އެކި ޒާތުގެ ތުހުމަތުތައް އަންނާނެ،" ކަމަށް އީސަ ވިދާޅުވެފައިވެއެވެ.