އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި ފަހުން އެ އޮފީހުގައި އެ މައްސަލަ ބާއްވައިގެން އުޅޭތާ ހަތަރު މަސް ދުވަސްވީ އިރު އަދިވެސް އޭގައި ގޮތެއް ނުނިންމޭ ކަމަށް އެ އޮފީހުން ބުނެފިއެވެ.

މި ކަމުގައި ޕީޖީ އޮފީހުން ގޮތެއް ނުނިންމާ ލަސްވަމުންދާތީވެ ވަޒީފާގެ މަސްއޫލިއްޔަތުތަކުން މަހްލޫފް އެކަހެރިކުރަން ނިންމި ނިންމުން ބަދަލުކޮށް، ރައީސް އޮފީހުން ވަނީ އޭނާގެ ސަސްޕެންޝަން ވެސް އުވާލައިފައެވެ

މި މައްސަލާގައި އެންމެ ފަހުގެ މައުލޫމާތު ޚިއްސާކޮށްދޭން "ވަގުތު" އިން އެދުމުން ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕީޖީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ދައްކަވާނެ އިތުރު އާ ވާހަކައެއް ނެތް ކަމަށެވެ.

"ކުރިން ވެސް މީޑިއާތަކަށް އަންގާފަ އޮތް ގޮތަށް، އޭގައި ހޯދަން ޖެހޭ އިތުރު މައުލޫމާތުތައް ހޯދަމުން ދަނީ، އެއަށް ފަހު ގޮތެއް ނިންމާނެ،" ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމުމުން އެ އޮފީހުން އިސްވެ މީޑިއާތަކަށް އެ ކަން އަންގަވާނެ ކަމަށެވެ.

ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތު

ރިޝްވަތު ނެގި ކަމުގެ ދައުވާ ކުރަން ނިންމާފައިވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.

މި ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ޚިޔާނާތުގެ ފައިސާ ކަމުގައެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތު

ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ.

އޭސީސީން ފާހަގަކުރާ ލިޔުންތަކަކީ އޭނާ ތަހުގީގީ އިދާރާތަކަށް ފޮނުވި "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޯށްފައިވާނެ ކަމަށް އަންގައި މަހްލޫފް ފޮނުވި ސިޓީއެކެވެ.

އޭސީސީން ފާހަގަކުރާ ގޮތުގައި މި ލިޔެކިއުންތަކުގައިވަނީ ހަގީގަތް އޮޅުވާލުމުގެ ގޮތުން މަހްލޫފް އެ ފައިސާ ނެންގެވީ ޑޮލަރު ގަންނަން ކަން ތަހުގީގަށް ދެއްކުމަށް ޓަކައި ކަން ތަހުގީގަށް އެނގިފައިވާ ކަމުގައެވެ.

މީގެ ކުރިން މަހްލޫފް ވެސް ދިފާއުވާން ދެއްކެވީ މި ވާހަކައެވެ. އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ލިބިވަޑައިގެންނެވި ފައިސާ ކަމުގައެވެ. އެއީ ޚިޔާނާތުގެ ފައިސާ ކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމުގައި މަހްލޫފް ވިދާޅުވަމުން ގެންދެވިއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން، މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

"ކޯޓުގައި ދައުލަތް އޮރިޔާން ވާނެ"

"ވަގުތު ހަވާސް" ޕްރޮގްރާމްގައި ބައިވެރިވެަޑައިގެން މަހްލޫފް ވަނީ އޭނައަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންފައެވެ. އެ ކަމަށް އިންކާރު ކުރައްވައި އޭރު ކަން ހިނގައިދި ގޮތް ވެސް ވިދާޅުވެފައެވެ. އަދި ދައުލަތުގެ ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުގެ އިސްވެރިންނަށް ބަހުގެ ހަމަލަތާކެއް ވެސް ދެއްވިއެވެ.

މަހްލޫފް ވިދާޅުވީ، އޭނާއަށް އެ ބިލަށް ވޯޓު ދެއްވަން އެއްވެސް ފައިސާއެއް ލިބިވަޑައިނުގަންނަވާ ކަމަށާއި ބިލަށް ވޯޓު ދެއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ތްރީ ލައިން ވިޕަށް އަމަލު ކުރެއްވުމަށް ކަމަށެވެ. މީގެ އިތުރުން، އޭރު ޕީޕީއެމްގެ ފަރާތުން އޭނާއަށް ދެއްވި ހަމައެކަނި އެއްޗަކީ މެލޭޝިއާގައި ހުންނެވުމުން ރާއްޖެ ވަޑައިގަންނަވަން ޓިކެޓެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލާގައި ވަކި ގޮތަކަށް ކަންކަން ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި، އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަން އަހްމަދު އައްސަދު ދައްކަވާފައިވާ ވާހަކަތަކުގެ ޗެޓްލޮގްތަކެއް ހުންނެވި ކަމަށް މަހްލޫފް "ވަގުތު ހަވާސް" ގައި ވިދާޅުވެފައިވެއެވެ. މި ތަކެތި ހާމަކޮށްފިނަމަ "ދައުލަތް އޮރިޔާން ވާނެ" ކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ.