ފުލުހުން ހިންގި އިތުރު އޮޕަރޭޝަނެއްގައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ވިދާޅުވީ ބުދަ ދުވަހު ފުލުހުން ފެށި އޮޕަރޭޝަނެއްގައި ފުލުހުންގެ ޑްރަންޑް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި ފޮރެންސިކާއި ރ.އަތޮޅު ފުލުހުންނާއި އިންޓެލިޖެންސް ޓީމްތައް ގުޅިގެން ހިންގި އޮޕަރޭޝަންގައި ދެމީހަކު ހައްޔަރުކޮށް ގާތްގަނޑަކަށް 215 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ.

އޮޕަރޭޝަންގެ ތަފްސީލް ހާމަނުކޮށް ޕޮލިސް ކޮމިޝަނަރު ވަނީ މިއޮޕަރޭޝަނަށް އިންޑިއާ ސަރުކާރުންނާއި އެމްއެންޑީއެފް އިން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ނަމަވެސް އިންޑިއާ ސަރުކާރުން އޮޕަރޭޝަންގައި ބައިވެރިވި ގޮތުގެ ތަފްސީލެއް ޕޮލިސް ކޮމިޝަނަރު އަދި ހާމައެއް ނުކުރައްވައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ފަހުގެ އޮޕަރޭޝަންގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މިއޮޕަރޭޝަންގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެއްޗާއިއެކު ފާއިތުވި ދެދުވަސް ތެރޭގައި ދެއޮޕަރޭޝަނަކުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 315 ކިލޯއަށް ވުރެ އިތުރުވާނެއެވެ. 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި ދިހަ މީހުން ހައްޔަރު ކުރިއެވެ. ނަމަވެސް ދެ މީހަކު ކޯޓުން ވަނީ ދޫކޮށްލައިފައެވެ.