މައްސަލަ ބަލާ ސެކްޝަންގައި ގާޒީއަކު ނެތްތާ އެތައް ދުވަހެއް ފަހުން، މާލެއާއި ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުން ދޫކޮށްލައިފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ން 14 އަށް މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދެވެ.

މި އޮޕަރޭޝަންތަކުގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީ އަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލް ބަލައި ފާސްކޮށްފައިވެއެވެ.

މިގޮތުން ޑިސެމްބަރު 12 ވަނަ ދުވަހު މާލެއިން ޓެކްސީއެއް ހުއްޓުވައި ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި، ޑިސެމްބަރު 13 ވަނަ ދުވަހު ސައިކަލެއް ބަލައިފާސްކޮށް، ސައިކަލްގެ މަޑިދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާއިރު، ޑިސެމްބަރު 14 ވަނަ ދުވަހު މައްސަލައާ ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށް ހުޅުމާލެއިން ކާރެއް ހުއްޓުވައި ބަލައިފާސްކޮށްފައިވެއެވެ. އެކާރު ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވެއެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 119 ކިލޯގެ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން:

ކްރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ މި މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ދީބާނާޒް ފަހުމީއެވެ. އެކަމަކު، އޭނާ ހައިކޯޓަށް ބަދަލުކުރުމާއެކު، އެ ސެކްޝަންގެ މައްސަލަތައް ބަލާނެ ވަކި ގާޒީއަކު އަދިވެސް އައްޔަންކޮށްފައެއް ނުވެއެވެ. އެހެންވެ، އެ ސެކްޝަންގެ މައްސަލަތައް ބަލަނީ އެހެން ސެކްޝަންތަކުގެ ގާޒީންނަށް ބަހާލައިގެންނެވެ.

މައްސަލަ ބަލާނެ ގާޒީއަކު ނެތުމުން އެތައް ދުވަހެއް ވަންދެން ތާވަލް ވެސް ނުކޮށް އޮވެފައި، އިއްޔެ ވަނީ އަޑުއެހުމެއް ބާއްވާފައެވެ. އިއްޔެ އަޑުއެހުމެއް ބޭއްވީ، ދައުވާ ލިބޭ ފަރާތްތަކުގެ ބަންދު މުރާޖާ ކުރުމަށް ދައުލަތުން އެދިފައިވާތީއެވެ.

މި އަޑުއެހުން ވެސް ކުރިޔަށް ގެންދިޔައީ އެކޯޓުގެ އެހެން ސެކްޝަނެއްގެ ގާޒީއެއް ކަމަށްވާ، މުހައްމަދު މިސްބާހެވެ. އޭނާ ވަނީ މައްސަލައިގައި ދައުވާ ލިބޭ މީހުން ދޫކޮށްލަން ނިންމާފައެވެ. ވިދާޅުވީ، މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ހުރި ކަމަށާއި، މައްސަލަ ބެލުމަށް ދާއިމީ ގާޒީއެއް ނެތް ކަމަށެވެ. އެހެންވެ، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު، ދައުވާ ލިބޭ މީހުން ދޫކޮށްލަން ފެނިވަޑައިގަންނަވާ ކަމަށެވެ.

މިހާރު ވެސް ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ އެ މައްސަލައިގައި ހިމެނޭ ތިން މީހުން ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއި އެކުގައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މަގާމު ހުސްވެފައި އޮންނަތާ، ހަތަރު މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނުން އަދިވެސް އެ މަގާމަށް ގާޒީއަކު އައްޔަންކޮށްފައެއް ނުވެއެވެ.

ކޯޓުތަކުގައި ހިނގާ މައްސަލަތައް ތޮށްޖެހޭ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް، ދަށު ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބަލަން ގިނަ ދުވަސް ހޭދަވާ ކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ. އެ މައްސަލަ ހައްލު ކުރުމަށް މިހާރު އަންނަނީ މަސައްކަތް ތަކެއް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައްޓަމަސް

    ކޯޓުތައް ރިސެސަންއަށް ދޭ

  2. ޑްރާމާ

    ތީ ކުޅޭޑްރާމާއެއް

  3. ނަޑަރޭ

    ޑިމޮކްރަސީ ގައި އޮންނަނީ 3 ބާރު ވަކިކޮށްގެން ތިބުން .ރައްޔިތުން އެދުނު ގޮތަށް 3 ބާރު ވަކިކޮށްދީފަ ތިއޮތީ . ހުރިހާ ކަމެއް ޙައްލުވެފަ ނު މިއޮތީ . ޑިމޮކްރަސީ ގެނެސްގެން ތިބޭ

  4. Anonymous

    ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހިންގޭ ޖަރީމާ..

  5. ވިކިލީކްސް

    ތި ޑުރާމާ ކުޅޭނީ ހަމަ ތިގޮތަށްކަން މާކުރިން ވަނީ އެނގިފަ. ގާޒީ ދީބާނާޒް ފަހުމީ އަކީ މަސްތުވާތަކެތި ވިއްކާ ގޭންގުތަކާ ގާތްގުޅުމެއް އޮންނަ މީހެއްކަމާ ތިއެންމެން ދޫކޮށްލާނެ ކަމަށް މިނޫހަށް މީގެކުރިންވެސް ކޮމެންޓުކުރިން!
    ކޮންތާކު މިޖެހުނީ؟ ބަލަ ވަރަށް އެނގިގެންނޭ މިކިޔަނީ!
    މަސްއޮޑި ނަމަކަށް ކިޔާ ގޭންގު އޮޕަރޭޓްކުރާ ޝިރުހާނުގެ އެއް އަތަކީ (ޝިރުހާން ހައްޔަރުކުރަން ކޯޓުއަމުރު ނެރުމުން އެއަމުރު ފޮރުވި) ގާޒީ ދީބާނާޒް.
    އަދި 100 އަށްވުރެ ގިނަ ކިލޯ އެތެރެކުރި މައްސަލާގަ ޝިރުހާނަށް ދައުވާ ނުކުރުމަށް ނިންމި. އޭގެބަދަލުގަ،ޝިރުހާނުއާ އިތުރު ބޯއި އަކަށް ވަކި މުއްދަތެއް ވަންދެން އެންޑީއޭއަށް ގޮސް ސޮއިކުރާ ގޮތަށް (މާނައަކީ ކޮމިއުނިޓީ ފަރުވާ) ހުކުމެއް ކުރުމަސް ޕީޖީގައި އެދިފަ ވަނީ.
    ރައްޔިތުން ހޭލާ!
    އަދީބު އިންވެސްޓުކޮށް، އަދި އެހެން މަޖިލިސް މެމްބަރަކުވެސް އިންވެސްޓުކުރަނީ ޒުވާން ޖީލު ހަލާކުގެތެރެއަށް ވައްޓާލުމަށް.