ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ދެކުނު ޕޮލިސްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގެ ތެރެއިން ގދ. ހޯނޑެއްދޫ ވަލު ތެރޭގައި ވަޅުލާފައި ހުއްޓާ ހޯދި މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެމީހެއްގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮޕިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ހޯނޑެއްދޫއިން ހޯދި މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް ގޮތެއް ނިންމުމަށް އިއްޔެ އެ އަތޮޅު ތިނަދޫ މެޖިިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.

މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައި ވަނީ ގދ. ހޯނޑެއްދޫން ކަމަށް ފުލުހުން ވިދާޅުވެފައި ވަނީ ވަރަށް ފަހުންނެވެ. ފުރަތަމަ ވިދާޅުވެފައި ވަނީ އެ މަސްތުވާތަކެތި ފެނިފައި ވަނީ ފަޅު ރަށަކުން ކަމަށެވެ.

ހޯނޑެއްދޫގައި ވަޅުލާފައި ހުއްޓާ ފެނުނު 15 ކިލޯގެ މަސްތުވާތަކެއްޗަކީ އަރުޝަދު ހާލިދު އިސްކޮށް ހުރެ ރާއްޖެ އެތެރެކުރި ތަކެތި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

ހޯނޑެއްދޫން އަންގާރަ ދުވަހު ތިން މީހަކު ހައްޔަރު ކުރިއެވެ. އެއީ އެ ދުވަހު ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ އިތުރުން އިތުރު ދެމީހެކެވެ.