ރާއްޖޭގެ މޫސުން ގޯސްވެ، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ނެރުނު ރީނދޫ ސަމާލު އަނެއްކާވެސް ދަންމާލައިފިއެވެ.

މެޓް އޮފީހުން މިއަދު ހަވީރު ވަނީ ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.

މެޓް އޮފީހުން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 16:30 އިން ފެށިގެން މިރޭ 22:30 އާއި ހިސާބަށެެވެ. އެ ސަަމާލުގައި ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، ނ އަތޮޅުން ފެށިގެން ތ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 16:30 އިން ފެށިގެން މިރޭ 22:30 އާއި ހިސާބަށެވެ.

ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް މެޓް އޮފީހުންނާއި އަދި އެހެނިހެން އިދާރާތަކުން ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ރާއްޖޭގެ މޫސުން ރީތި ވާނެކަމަށް ލަފާކުރެވެނީ މިހަފްތާގެ ފަހުކޮޅުއެވެ.

ފާއިތުވި ދެދުވަހު ވެސް ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ނުރައްކާތެރި ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އިއްޔެ ހަވީރު ހިނގި ކަނޑުމަތީގެ އެކްސިޑެންޓެއްގައި އަންހެނަކު ނިޔާވެ އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ގެއްލިފައެވެ. ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް އިއްޔެ ހަވީރުން ފެށިގެން އަންނަނީ ކުރަމުންނެވެ. ނަމަވެސް އަދި އެމަސައްކަތުގައި ކުރިއެރުމެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު