އއ. މަތިވެރީގެ ނަރުދަމާ ނިޒާމާއި ފ. ނިލަންދޫގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ލޭބާ ކޮންޓްރެކްޓް މޮޑެލްގެ ދަށުން ލަންކާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރީ ލަންކާގެ އެޑްވާޑް އެންޑް ކްރިސްޓީ ކުންފުންޏާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވާރަމެންޓް އެންޑް އެނާޖީ ޠާރިގް އިބްރާހީމެވެ. އެޑްވާޑް އެންޑް ކްރިސްޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަރަވަލޭޖް ޑޮން ރާޖް ކްރިސްޓީ ލިއޮނާޑެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިގު ވިދާޅުވީ، އެ ދެ މަޝްރޫއަށް ޖުމްލަ 30 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށެވެ. އެއީ މަތިވެރީގެ ނަދުރަމާ ގާއިމުކުރުމަށް 13.6 މިލިޔަން ރުފިޔާ އާއި ނިލަންދޫގެ ފެނުގެ ނިޒާމަށް 16.7 މިލިޔަން ރުފިޔާއެވެ.

މި މަސައްކަތްތައް ލަންކާ ކުންފުންޏަށް ހަވާލުކުރީ ލޭބަ ކޮންޓްރެކްޓް މޮޑެލްގެ ދަށުން ކަމަށާއި އަދި އެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ދޫކުރާނީ އެސްޓީއޯ އިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިގް އިތުރަށް ވިދާޅުވީ މިހާތަނަށް މި ސަރުކާރުން 22 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމާފައިވާ ކަމަށެވެ. އަދި 42 ރަށެއްގެ ނަރުދަމާގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ނިލަންދޫގެ ފެނުގެ ލޭބާ މަޝްރޫއުގެ ކޮންޓްރެކްޓް އަގަކީ 16,724,160.60 ރުފިޔާއެވެ. މަތިވެރީގެ ނަރުދަމާ ލޭބަ މަޝްރޫއު ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 13,558,970.00 ރުފިޔާ އެވެ.

އއ. މަތިވެރީގެ ނަރުދަމާ ނިޒާމާއި ފ. ނިލަންދޫގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް 12 މަސް ދުވަހުގެ ތެރޭ ނިންމަން ޖެހެއެވެ.