އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރުވާ ކުޑަ އެހާމެ ޒިންމާދާރުކަން ކުޑަ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

"އެންމެ ބޮޑު ހައިރާންވީ ބަޖެޓުގެ މަސައްކަތް ދިޔައިރު ރައީސް ދުނިޔޭގެ އެކި ކަންކޮޅުގައި ދަތުރުކުރައްވަމުން ދިޔަ ދުވަސްވަރަކާ ދިމާވީމަ" އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރައްވަމުން ސައީދު މިއަދު މަޖިލިހުގައި ވިދާޅުވިއެވެ.

ބަޖެޓު ހުށަހެޅުއްވި ދުވަސްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ ކޮޕް 26 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލޭންޑްގައެވެ. އޭގެ ކުރިން ވަޑައިގެންނެވީ ދުބާއީ އެކްސްޕޯއަށެވެ. ކޮޕަށް ފަހު ޔޫކޭގައި އޮތް ޓްރެވެލް މާކެޓްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރާއްޖެ ވަޑައިގެން ހަފްތާއެއް ނުވަނީސް ވަޑައިގެންނެވީ ލަންކާއަށެވެ.

ސައީދު ވިދާޅުވީ ފައިސާހުރި ވަރަކުން ދަރަނި ކުޑަކޮށްގެން ކަންކަންކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ރާއްޖެއަށް ލާޒިމްކޮށްފައިވާ ކަމަށެވެ.

"ޖީ-20، އޭޕެކް، އީޔޫ އެމެރިކާ މި ވަގުތުގެ ބޮޑެތި ބާރުގެވެރިން އެބަބުނޭ ވަރަށް ބޮޑަށް ގައުމުތަކުން ވިސްނަން ޖެހޭ ވާހަކަ" އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގައި ދައުލަތުގެ ދަރަނި 49.8 ބިލިއަނަށް އަރައިގެން ދިޔައިރު 2023 އާ ހަމަޔަށް ދާއިރުގައި ސަތޭކަ އެތައް ބިލިއަނެއް ދައުލަތް ދަރަނިވެރިވެގެންދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ސައީދު ވިދާޅުވިއެވެ. ބަޖެޓާމެދު އެމްއެމްއޭގެ ގަވަރުނަރުވެސް ކަންބޮޑުވުން ފާޅުކުރެއްވިކަން ފާހަގަކުރައްވަމުން ސައީދު ވަނީ "ނިދިން ހޭލަން" އެމްޑީޕީއަށް ގޮވާލައްވައިފައެވެ.

ޖައްވަށް ފޮނުވާ ވިހަ ގޭސްތައް ހުއްޓުވަން ބަޖެޓުގައި ހިމަނާފައިވާތީ އެކަމަށް ފާޑުކިޔަމުން ސައީދު ވިދާޅުވީ ޖައްވަށް ވިހަ ގޭސް ފޮނުވުން މަސައްކަތްކުރަން ޖެހެނީ ބޮޑެތި ގައުމުތަކުން ކަމަށެވެ. އެއީ ރާއްޖެއިން އަދި ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ވިހަގޭސް ފޮނުވަން ރާއްޖެ އުޅޭވަރެއް ނުވޭ ނޫންތޯ" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބާރުތަކަށް "ކްލައިމެޓް ހަނގުރާމާގައި" ކާމިޔާބެއް ނުހޯދިގެން އުޅޭއިރު އެމްޑީޕީގެ ބައެއް ވެރިން އެ ބޭފުޅުންގެ އަމިއްލަ ޕްރޮމޯޝަނަށްޓަކައި ގިނަ ބަޔަކު ގޮވައިގެން ބޭރު ގައުމުތަކަށް ބޭކާރު ގޮތުގައި ދަތުރުކުރަމުންދާ ކަމަށެވެ.