ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ފައިދާގެ ގޮތުގައި އިތުރުކުރެވޭނީ އެންމެ ގިނަވެގެން އަގުގެ ސަތޭކަ އިންސައްތައާ ހަމައަށްކަމަށް ހެލްތް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ، ޑޮކްޓަރީ ބޭސް ވިއްކާ ބްރޭންޑްތަކުގެ ނަން، އަންނަ އަހަރުން ފެށިގެން ބޭސް ސިޓީގައި ލިއުން ހުއްޓާލަން ކަނޑައަޅައިފައެވެ. ބޭސް ސިޓީގައި އޭރުން ލިއާނީ ބޭހުގެ އަސްލު ނަމެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފިޔަވަހީގައި ރާއްޖެއަށް އިމްޕޯޓުކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް އަންނަ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރަން ފަށާނެއެވެ.

ދެވަނަ ފިޔަވަހީގައި، ރާއްޖެ އަށް އިމްޕޯޓުކޮށް ވިއްކާ ހުރިހާ ބޭހަކަށް، މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާ އިރު މިއަށް އަމަލު ކުރާނީ އަންނަ އަހަރުގެ މެދު ތެރޭގައެވެ.

އަންނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ކަނޑައަޅައި ބޭހުގެ އަގު ކޮންޓުރޯލްކޮށްގެން 205 މިލިއަން ރުފިޔާ ސަލާމަތް ކުރަން ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

ބަޖެޓުގައިވާ ގޮތުން އެމްއާރުޕީ ކަނޑައެޅުމުގެ ބޭނުމަކީ އަމިއްލަ ފަރުދުންގެ ޖީބުން ބޭހަށް ކުރާ ހަރަދު ކުޑަކޮށް، އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ކަމަށްވާ އާސަންދައިގެ ތެރެއިން ބޭހަށް ކުރާ ހޭދަ އިތުރުވަމުންދާ މިންވަރު ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމެވެ.

އަންނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމުގެ އޮނިގަނޑުގެ ތެރެއިން ސަރުކާރުން އެއް ކަމަކަށް އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަނީ އާސަންދަ ނިޒާމަށެވެ. އެގޮތުން އާސަންދަ އަށް 731 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އާސަންދައަށް މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާ ހަރަދުކުރި އިރު ބޭސް ގަންނަން 752.7 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުނެވެ.

ބަޖެޓުގައި ފާހަގަކުރި ގޮތުގައި، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް އަންނަ އަހަރުގެ ތެރޭގައި ކުރާ މަސައްކަތްތައް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާނެއެވެ. އެންމެ ފުރަތަމަ ބޭހުގެ އަގު ކޮންޓުރޯލް ކުރާނީ އެމްއެފްޑީއޭގެ އެސެންޝަލް ބޭސްތަކުގެ ލިސްޓުގައިވާ 357 ބޭހަކަށް އެކަންޏެވެ. އަދި އަންނަ އަހަރުގެ މެދު ތެރޭގައި ލިސްޓްގައި ބާކީ ނުހިމެނޭ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރާނެއެވެ.