ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ ދައުވާތައް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެންނަން ފުލުހުންގެ މައްޗަށް ކޯޓުތަކުން އަމުރު ކޮށްފައި އޮތްނަމަވެސް އޭނާ ހޯދަން އަދިވެސް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައި ނެތްކަން ހާމަވެއްޖެއެވެ.

އިންޓަޕޯލްގެ ވެބްސައިޓްގައި، އެއިދާރާ އިން ރެޑް ނޯޓިސް ނެރެފައިވާ ހުރިހާ އެންމެންގެ މައުލޫމާތު ފެންނަން ހުރެއެވެ. މިހާރު ވެސް ނުވަ ދިވެއްސަކު ހޯދަން އިންޓަޕޯލް އިން ރެޑްނޯޓިސް ނެރެފައި އެބައޮތެވެ. އޭގެތެރޭގައި އަލީ ވަހީދެއް ނުހިމެނެއެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރުނަސް، އަލީ ވަހީދު ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. ކޮމިޝަނަރ އޮފް ޕޮލިސް އިއްޔެ ވިދާޅުވީ އިންޓަޕޯލް ވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ. "އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް އަދި އެ މީހަކު ހައްޔަރުކޮށްގެން، އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

އިނގިރޭސިވިލާތަކީ ވެސް އިންޓަޕޯލްގެ 194 މެންބަރު ގައުމުގެ ތެރެއިން ގައުމެކެވެ. އިންޓަޕޯލްގެ ރެޑް ނޯޓިސް އާއި ގުޅިގެން އިނގިރޭސިވިލާތުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދަނީ އެގައުމުގެ ނޭޝަނަލް ސެންޓްރަލް ބިއުރޯއިންނެވެ. ރެޑް ނޯޓިސް ނެރެފައިވާ މީހަކު އިނގިރޭސިވިލާތުން ހައްޔަރު ކުރެވިއްޖެނަމަ އެމީހަކު ހައްޔަރު ކުރަން ނޯޓިސް އަށް އެދުނު ގައުމު މެދުވެރިކޮށް ރެޑް ނޯޓިސް ފިޔަވައި އެހެން ކޯޓު އަމުރެއް ހޯދަން އިނގިރޭސިވިލާތުން އެދެއެވެ. އެއަމުރު ލިބެންދެން ރެޑް ނޯޓިސް ނެރެފައިވާ މީހާ އިމިގްރޭޝަން ސެންޓަރެއްގައި ބަންދު ވެސް ކުރެއެވެ.

އިނގިރޭސިވިލާތުގެ ގާނޫނުތައް ބުނާ ގޮތުން ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހައްޔަރު ކުރަން އެގައުމެއްގެ ކޯޓަކުން އަމުރެއް ނެރެފައި ވާނަމަ، އެމީހަކު ހައްޔަރު ކޮށް، ނޯޓިސް ނެރެފައިވާ ގައުމަށް މީހަކު ފޮނުވާލުމަށް އެއްވެސް ހުރަހެއް ނޯވެއެވެ.

އެހެންކަމުން އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރެފިނަމަ އިނގިރޭސިވިލާތުން އޭނާ ރާއްޖެ ފޮނުވަން އެއްވެސް ގާނޫނީ ހުރަހެއް ނޯންނާނެއެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތް އޭނާ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އަޑުއެހުމަށް މިމަހުގެ 08 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ތާވަލް ކުރިއެވެ. ނަމަވެސް އަލީ ވަހީދު ވަޑައިނުގެންނެވުމުން އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން އަލީ ވަހީދަށް ދޭން ނިންމުމުން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ. އަދި އެ މައްސަލަ ބަލައި ނިމެންދެން، އޭނާގެ ޝަރީއަތް އޮންލައިންކޮށް ނުބާއްވަން ސުޕްރީމް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުނުވުމުން އެ ކޯޓުން ވަނީ އޭނާ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އެކަމަކު، އޭނާ ރާއްޖެއަށް ގެނެވިފައި ނުވާތީ އެ ހުކުމް ތަންފީޒެއް ނުކުރެވެ އެވެ. އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގަތް ފަހުން އެނބުރި ވަޑައެއް ނުގަންނަވަ އެވެ. ދައުލަތުން ބުނާ ގޮތުގައި އޭނާ އުޅެނީ ފިލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުސްތާޒް

    އަލީވަހީދު ހޯދާކަށް ނުޖެހޭނެ އޭނާ ހުރިތަނަކާ އުޅޭނޫޅޭ މިސަރުކާރަށް އެންގޭނެ، ފިލައިގެން އުޅޭ މީހެއްނން

  2. ޝީޕީ

    ޙަ މީދު އައް ޢޯތީ ބޯވެފައެވެ. ބިޑި!އަލީ ވަހީދު ބިޑި!