މާލެއަށް ވުރެ ގިނައިން ކޮވިޑް-19 ވޭދަނަތައް މިހާރު ފެންނަމުންދާ އަތޮޅު ތެރެއިން، ކޮވިޑާއި ގުޅިގެން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު 19 އަށް ތިރިވެއްޖެއެވެ. 19 އަށް އަތޮޅު ތެރޭގައި ބަންދުކޮށްފައިވާ ރަށްތައް ތިރިވިނަމަވެސް އަތޮޅު ތެރޭގެ ބަލީގެ ހާލަތު ރަނގަޅު ވާ މަންޒަރު ފެންނަމުން ނުދެއެވެ.

އިއްޔެ މާލެއިން ފައްސިވީ 25 މީހުންނެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 91 މީހަކު ފައްސިވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މިހާތަނަށް ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކިގޮތެއް އަންގަންދެން ރަށަށް އަރާ ފޭބުން މަނާ ކޮށްފައިވާ 19 ރަށެއް އެބައޮތެވެ. އޭގެ ތެރޭގައި، ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫ-ފޭދޫ، ސ. ފޭދޫ، ސ. ހުޅުމީދޫ، ލ. ގަން، ނ. ހޮޅުދޫ، މ. މުލައް، މ. ދިއްގަރު، ނ. މިލަދޫ، މ. މުލި، ތ. ތިމަރަފުށި، ރ. މަޑުއްވަރީ، ރ. މީދޫ، ރ. އިންނަމާދޫ، ގއ. ކަނޑުހުޅުދޫ، ގދ. ފަރެސްމާތޮޑާ، ނ. ކުޑަފަރީ އަދި ނ. ވެލިދޫ ހިމެނެއެވެ.

މިއަދު މިހާތަނަށް 19 ރަށެއް އެޗްޕީއޭއިން ބަންދުކޮށްފައިވާއިރު، މިއަދު އެޗްޕީއޭ އިން ވަނީ ރ. އަލިފުއްޓާއި، ކ. ގުރައިދޫއަށް އަރާ ފޭބުމުގެ ހުއްދަ ދީފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 119 މީހަކު އިއްޔެ ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިއާއި އެކު ބަލިން ރަނގަޅުވީ މީހުންގެ ޖުމުލަ އަދަދު ވަނީ 88،343 އަށް އަރާފައެވެ. މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި ތިބީ 2030 މީހުންނެވެ.

ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 12 މީހުންނަށެވެ.

އިއްޔެ ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 90،725 އަށް އަރާފައެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 248 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ގިނަ ބަޔަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާއިރު މިހާރު ރާއްޖޭގައި އަންނަނީ ތިންވަނަ ޑޯޒެއް ދެމުންނެވެ. މިހާރު ރާއްޖެއިން 6،000 އަށް ވުރެ ގިނަ މީހުން ވެކްސިންގެ ތިންވަނަ ޑޯޒް ޖަހާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު