އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު އުފެދުނު ގޮތަކާއި އެ ލިސްޓުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭ ކަމަށް އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގުޅިގެން ހިންގާ ތަހުގީގުގައި، އެކުލަވާލާފައިވާ އެ ލިސްޓުގައި ފާރިސްގެ ނަން ވެސް އެބަ އޮތެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުތުގައި މި ކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން، އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގުމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑެއް ނޯންނާނެ ނާޖާއިޒު ގޮތުގައި އެއްވެސް ފައިސާއެއް އެއްވެސް ތަނަކުން ހޯދާފައެއް، ހަމަ ގައިމު ވެސް އެމްއެމްޕީއާރުސީގެ ފައިސާއެއް އަޅުގަނޑާ ހިސާބަށް ލިބިފައެއް ނޯންނާނެ، ލިބޭނެ ހާލަތެއް ވެސް ދިމާވެފައެއް ނޯންނާނެ،" ފާރިސް ވިދާޅުވިއެވެ.

ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ފާރިސްގެ ނަން ގެނައި ގޮތެއް ސާފުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ތަހުގީގުގައި ބައިވެރިވާ ތަހުގީގީ ތިން މުއައްސަސާގެ ތެރެއިން އެއްވެސް މުއައްސަސާއަކުން މިހާތަނަށް ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށް ފާރިސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ފަރާތުން މައުލޫމާތު ސާފު ކުރަން ވެސް އެސެޓް ރިކަވަރީ ކޮމިޝަން، އޭސީސީ، ފުލުހުން، މިއިން އެއްވެސް ފަރާތަކުން އަޅުގަނޑަށް ސުވާލެއް ވެސް ނުކޮށް ހުރެ، ލިސްޓަކަށް [ނަން] އައުމުން އެ ލިސްޓުގެ ސައްޚަ ކަމާ މެދު އަޅުގަނޑު ހަމަ ސުވާލު އުފައްދަން،" ފާރިސް ވިދާޅުވިއެވެ.

ފާރިސް ފާހަގަ ކުރެއްވި ކަމަކީ އޭނާއަކީ އަބަދުވެސް ޚިޔާނާތުގެ މައްސަލަތަކާ ދެކޮޅަށް އަޑު އުފުއްލެވި ބޭފުޅެއް ކަމެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގި އިރު ވެސް މަޖިލީހުގައި އެ ކަމާއި ދެކޮޅަށް އަޑު އުފައްލަވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓުގައި 281 ނަމެއް އެބަ އޮތެވެ. ނަމަވެސް މިހާތަނަށް ދައުވާ އުފުލިގެން ޝަރީއަތް ނިމުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެކަންޏެވެ.

އަދީބާއި ޒިޔަތު ގޭބަންދުގައި ހުންނެވިއިރު، ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ޖަލު ހުކުމް ވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފައެވެ. އޭގެ މައިގަނޑު ސަބަބަކީ ޔާމީނަށް ލިބުނު ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަން ދައުލަތަށް ކަށަވަރު ކޮށްނުދެވުމުންނެވެ.

މީގެ އިތުރުން މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާންއާއި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ. ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލިއިރު، އެއިން މައްސަލައެއްގައި ސަން ކުންފުންޏަށާއި ކްރިކް ރިޒާއަށް ވެސް ދައުވާ އުފުލާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުވި ގޮތުގެ މައްޗަށް އަދިވެސް ރަނގަޅު ތަހުގީގެއް ނުހިންގެއެވެ. ދައުވާ އުފުލި މީހުނަށް ވެސް ދައުލަތުގެ ފައިސާ ލިބުނު ކަން ޔަގީނެއް ނުކޮށްދެވެއެވެ.

އެ ތަހުގީގު ހިނގަމުންދާ ގޮތާ މެދު އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް އޮތް އިރު، ދައުލަތަށް ގެއްލުނު އެ ފައިސާ އަނބުރާ ހޯދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ގެއްލުނު ފައިސާއިން ބައެއް ވެސް އަދި ދައުލަތަށް ހޯދައިދެވިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮވިޑް

  ތެދެއް ތިބުނީ ތި ލިސްޓް ސައްޙަވާނީ ބައްޕާ ފުޅުގެ ނަން ލިސްޓަށް އެރުވީމަ.

  33
  1
 2. 2008-1978

  އަލަ ގަހަކުން ކެޔޮ ނިރެއް ނުފަޅާނެ. އެޕަލް ޑަޒްނޮޓް ފޯލް ފަރ ފްރޮމް ދަ ޓްރީ. ހުވާ ކުރި ރޭ ހުރީ ވަރަށް ތައްޔާރުވެގެން . ހަތިޔާރު ވެސް ހިފައިގެން. މިހާރު ބައްޕަ ބުނަނީ ހަތިޔާރަކީ ގަލަމެއް ކަމަށް. 1978 އިން 2008 ރާއްޖޭގައި ހިނގި ކަންކަން ހަނދާކޮށް ފިކުރުކޮށް އަދި އެ ދުވަސްތައް ތަޖްރިބާ ކުރި މީހުން ދުނިޔޭގައި ތިބި ކަމަށް ބަލައިގެން ވާހަކަ ދެއްކުން ތާހިރުވާނެ.

  17
  2
 3. ވިސްނާލުމަށް އެދެމޭ

  ބައެއް ވަގުން ވައްކަންކޮއްފަ ވަގުހޯދަންވެސް ބައިވެރިވެ އުޅޭތަންފެނޭ...ކަޅުދަބަސް އުފުލިކަމަށް ހައިކޯޓުންވެސް އެއްބަސްވެފައޮތީ އެކަމަކު މަނިކުފާނި ތިހުންނެވީ އަރާމުގަ ގޭގަ ނޫންތޯ..ނިކަމެތިން ކޯ ޓު ހުކުމް ތަންފީޒުކުރަން ޖަލަށްދާންޖެހެނީ..

  15
  1
 4. ބޯދިގުޒައީމް

  30 ޢަހަރުވަންދެން ކުރީސައްހަކަމެއްތަ؟ ކުޑަކާފު އަދިބޮޑު ތިޑޮންޑޮން ފުޅިއެއްނުވިއްކޭނެ ބާޒާރަކު މިހާރުބޭނުންކުރަނީ ރެޑްބުލް ގެދޮށުކަޑެއެއްހަދާގެން ތިވިއްކަން ނޫސްތަކުންގެނެސްދިނަސް ނުވާނެކަން ހާމަވޭ އންތިހާބީދާއިރާތަކުގެވޯޓުން މުޅިރައްޔިތުންގެ ވޯޓަކައްބަލާފިނަމަ 1ގުރާމުހަމަނުވާނެ.

  11
  1
 5. ޙަސަނާ

  ޖާބިރު ބުނި، އޭނާ އަތުން އަނބުރާ ދައްކަން 29 މިލިއަން ރުފިޔާ ގެންގޮސް، އެ ފައިސާ އަނބުރާ ނުދިން ވާހަކަ. އެ ފައިސާއިން ބަޔަކަށް ރިޝްވަތު ދިން ވާހަކަވެސް މީސްމީހުން ދައްކާ އަޑު އިވޭ.

 6. Anonymous

  ކަލޯ އިލްޔާސް އިބުރާހީމު މާލެއިން އެތައްބައިވަރުގޯތި ގަތްގޮތެއް ބުނެދީބޅަ