އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު، އެ ފިހާރައިން ވައްކަންކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ވައްކަން ކޮށްފައިވަނީ ހިތަދޫގައި ހުންނަ އިލެކްޓްރޯނިކްސް ސާމާނު ވިއްކާ ފިހާރައަކުންނެވެ. އެނގިފައިވާ ގޮތުގައި އެއީ "އީހަބް" ނަމަކަށް ކިޔާ ފިހާރައެކެވެ.

އެ ފިހާރައިގެ ވީޑިއޯ ފުޓޫޖް ވެސް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަނީ މޫނު ފޮރުވައިގެން ތިބި ދެ މީހަކު ގޮސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، އެ ތަނުގެ ހުރި ތަކެއްޗަށް ގެއްލުން ދިނުމަށް ފަހު ފޯނު ފަދަ ބައެއް ސާމާނު ހިފައިގެންދާ މަންޒަރެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގެ ރިޕޯޓް ފުލުހަށް ލިބުނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ. މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި ފިހާރައިން ވަގަށް ނަގާފައިވާ ތަކެއްޗާއި އޭގެ ޖުމުލަ އަގުގެ ތަފްސީލެއް އަދި ނުލިބެއެވެ.