ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންގެ ކެމްޕޭނަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑާޝިޕް އެ ދާއިރާގެ ރަށްރަށުގައި ކެމްޕޭން ފައްޓަވައިފިއެވެ.

އެމްއެންޕީގެ ލީޑާޝިޕް އިއްޔެގެ ވަގުތެއްގައި ވަނީ ކޮމަންޑޫއަށް ވަޑައިގެންފައެވެ. އަދި މިއަދު މަރޮށީގައި ގެންދަވަނީ ކެމްޕޭން ހިންގަވަމުންނެވެ. މިއަދު ފޯކައިދޫއަށް ވެސް ދާނެ ކަމަށް އެނގިފައިވެއެވެ.

މި ދަތުރުފުޅުގައި އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ބައިވެރިވެވަޑައިގަންނަވައެވެ.

މީގެ އިތުރުން އެމްއެންޕީގެ ނައިބު ރައީސުން ކަމުގައިވާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި, ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ގާތްގަނޑަކަށް މުޅި ލީޑާޝިޕް އުޅުއްވައެވެ.

އެމްއެންޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލް ހަންނާން ވެސް ގެންދަވަނީ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ހަންނާނަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެންޕީގެ ކެންޑިޑޭޓް ހަންނާންގެ އިތުރުން މި ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދުއާއި، ޕީޕީއެމްގެ ކެންޑިޑޭޓް އަދި ށ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މޫސާ ފަތުހީއެވެ.