ނ. މަނަދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަޝްރޫއު ފައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ފަސް ރަށަކަށް ރައީސް ސޯލިހް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަނަދުއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ މަނަދުއަށް ގިނަ ކަންތައްތަކެއް ކުރެއްވުމަށް ވައުދުވެވަޑައިގެންފައެވެ.

މިގޮތުން އެރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް އެއްކޮށް ނިންމާލެވުނުހާ އަވަހަކަށް މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކޮށްދެއްވާނެ ކަމަށާއި މަނަދޫ ހޮސްޕިޓަލް އެކްސްޓެންޝަންއާއި އައު ހޮސްޕިޓަލް ގެ މަސައްކަތް އެކުއެކީގައި ކުރިޔަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ފުރިހަމަ ކުރެވިގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް އެ ރަށުގެ ކައުންސިލުން ވަނީ މަނަދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، އަލަށް އާބާދުވާ ސަރަޙައްދުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްނުކުރެވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާކަމާއި، ރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހުރުން މުހިންމުކަން ފާހަގަ ކުރައްވައިފައެވެ.

މިކަންކަނަށް ވެސް ކަމާ ބެހޭ އިދާރާތަކާއި އެކުގައި މަޝްވަރާ ކުރުމަށްފަހުގައި އެކަށޭނެ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ޒަމާނީފެންވަރު އެއީ ކޮންފެންވަރެއް؟

  2. ކަރޭ

    ކޮންމެ ވެރިކަމެއްގައިވެސް ސަރުކާރު ފަޅިން، ނަމުގެ ކުރިޔަށް މަނަދޫ ލައިގެން ތިބޭ މެމްބަރުން ހޮވައިގެން ވީ ކަމެއް ކޮބާހޭ؟
    އަންނި ވެރިކަމުގަ މަނަދޫ ތޯރިގު. ޔާނު ވެރިކަމުގަ މަނަދޫ އުމަރު. އަނެއްކާ މޮޅުކަމަކީ މީ މާލޭ ދަފުތަރުގަ ޖެހިފަތިބި މީހުން. ރަށު މީހަކު ފެނުނަސް ނުފެންނަކަމަށް ހަދާ، ރަށުގެ ނަން ކިޔަންވެސް ލަދުން އެރަށޭ ކީ ބަގަ، މިއަދު ރަށުމީހުން ފެނިގެން މާ ވެގަނެގެން މިއުޅެނީ.