މާލެ އިން އަތޮޅު ތެރެއަށްދާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރަން އިއްޔެ އެންގުމާއި ގުޅިގެން، ސުންކު ނަގާ ސެންޓަރުތަކަށް ބާރުބޮޑުވުމުން އާ ސުންކު ސެންޓަރެއް ހުޅުވައިފިއެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓް އޮމިކްރޮން ރާއްޖޭގައި ފެތުރެމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ އިން ރަށްތަކަށް ދަތުރު ކުރާ މީހުން ކޮވިޑަށް ޓެސްޓް ކުރަން ނިންމިކަން އެޗްޕީއޭ އިން އިއުލާން ކުރީ އިއްޔެ ހަވީރު އެވެ. އެއާއިއެކު ކޮވިޑް ސުންކު ނަގާ ސެންޓަރުތަކުގައި ވަނީ ބާރު ބޮޑުވެފައެވެ. މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރު ކަމުން މާލެ އިން ގިނަ ބަޔަކު އަންނަނީ ރަށްތަކަށް ދަތުރު ކުރަމުންނެވެ. އެހެންކަމުން މާލެ އިން ރަށްތަކަށް ދަތުރު ކުރާއިރު ކޮވިޑަށް ޓެސްޓް ކުރަން ޖެހުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ރޭ ގިނަ ބަޔަކު ކިއު ހަދާފައި ވަނީ ސޯޝަލް ސެންޓަރުގައި ހުންނަ ސުންކު ނަގާ ސެންޓަރުގައެވެ. އެތަން ހުޅުވާފައި ވަނީވެސް ރޭ 7:30 ހާއިރުއެވެ. އެއިރު އެތަނުގެ ކިއު އަށް އެރި މީހުންނަށް ސުންކު ނެގުމަށްފަހު ގެއަށް ދެވުނީ 12:00ގެ ފަހުންނެވެ.

މިހެންވުމާއި ގުޅިގެން ގިނަބަޔަކު ދިޔައީ ހިލޭ ސުންކު ހެދޭނެ އިތުރު ސެންޓަރުތައް ގާއިމް ކުރުމަށް އެދެމުންނެވެ.

އެޗްޕީއޭ އިން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވީ, އާ ސުންކު ސެންޓަރެއް އެފްއޭމް އިމާރާތުގައި މިއަދު 2:00 ޖެހިއިރު ހުޅުވާލާފައިވާ ކަމަށެވެ.

އަދި ސޯޝަލް ސެންޓަރުގައި ހުރި ސުންކު ސެންޓަރު ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމަަ

    ހުޅުމާލެ މީ މީހުން އުޅޭ ތަނެއް ނޫންތަ

    4
    1
    • ގަލަން ތުނޑު

      ތީ އެޑްސީގެ ތައްޕަހުގައި އޮތްތަނެއް..އެހެންވީމަ ހުރިހާކަމެއް އެތާ ބޮޑުގޮލާ ކުރާނެ