ސަރުކާރުން ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން މާލޭގައި އިމާރާތްކޮށްފައިވާ "ދަރުމަވަންތަ ހޮސްޕިޓަލް"، އިންދިރާ ގާންދީ މެމޯރިއަލް ހޯސްޕިޓަލާ ގުޅާލައްވާނެ ކަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި އެންމެ އާދައިގެ ރައްޔިތުން އިން ފެށިގެން ޤައުމުތަކުގެ ވެރިން ފެންވަރުގެ މީހުންނަށްވެސް ޚިދުމަތް ދެވޭނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނޫސްވެރިންނާއެކު ބައްލަވާލެއްވުމަށްފަހު މިނިސްތަރު ނާޒިމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ވަފައިވަނީ މަތީ ފެންވަރުގެ ބޭފުޅުންނަށް ޚިދުމަތް ދެވޭނެ ފެންވަރުގެ ހޮސްޕިޓަލެއް ރާއްޖޭގައި ނެތުން ކަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއެކު އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ދިވެހިރާއްޖެއަކީ އެނގިވަޑައިގަންނަވާނެ ފަދައިން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ޤައުމެއް ކަމަށް ވުމާއެކު ރާއްޖެ ވަޑައިގަންނަވާ ޤައުމުތަކުގެ އިސް ވެރިންނާއި، ބޮޑެތި މުއްސަނދިން ރާއްޖެ ވަޑައިގަތުމަށް މިހާރު އޮތް އެންމެ ބޮޑު ހުރަހަކަށް ވެފައި މިއޮންނަނީ އެބޭފުޅުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ ޕްރައިވެޓް ހޮސްޕިޓަލް ރޫމްގެ އަޅުގަނޑުމެންގެ ތެރޭގައި ނެތުން، އެބޭފުޅުން ބޭނުންފުޅުވާ ފެންވަރަށް ޚިދުމަތް ދެވެން ނެތުން. އެކަމަށްވެސް ދަރުމަވަންތަ ހޮސްޕިޓަލާއެކު ހައްލެއް ލިބިގެންދާނެ" ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ދަނީ ބާރު ސްޕީޑެއްގައި ކުރިއަށް - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ހެލްތު މިނިސްޓަރު އިތުރަށް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ނިމޭއިރު، ފުރަތަމަ ފަންގިފިލާއިން އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލް ގުޅާލެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން ބަލިމީހުން ބަދަލުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ދެ ހޮސްޕިޓަލް ގުޅާލުމުން މި ހޮސްޕިޓަލަކީ 500 އެނދުގެ ޖާގަ ތަނަވަސް ހޮސްޕިޓަކަށް ބަދަލުވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދާގޮތް ދައްކާލުން - ވަގުތު ެ އިމޭޖްސް: އަމީން ފަހުމީ

"ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް ގުޅާލެވުމުމާއެކު، އައިޖީއެމް ގްރޫޕް އޮފް ހޮސްޕިޓަލްސް 500 އެނދުގެ ހޮސްޕިޓަލަކަށް ވެގެންދާނެ، ލެބޯޓަރީގެ ޚިދުމަތްތަށްފަދަ ޚިދުމަތްތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފެށުމާއެކު، މިހާރު ދިމާވެފައިވާ ބެޑް ކެޕޭސިޓީއަށް ހައްލު ހޯދުމަށްޓަކައި އައިޖީއެމްއެޗް ހޮސްޕިޓަލުން ވަތަށް ބޮޑު ޖާގަ ކުރިއޭޓް ކުރެވޭނެ، އޭގެ ސަބަބުން މިހާރު މިއޮތް އެނދުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ނިމުމާއެކު މިހާރު ރައްޔިތުންނަށް ދިމާވަމުންދާ އައިޖީއެމްއެޗް އިން އެނދު ނުލިބުމާއި، އޮޕަރޭޝަން ތިއޭޓަރުތަކުން ޖާގަ ނުލިބުމުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، ޞިއްޙީ ދާއިރާ މިއަދު އޮތް ހާލަތަށްވުރެ ތިން ހަތަރު ސަތޭކަ ގުނަ ރަނގަޅު ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ހުރިހާ މެޝިނަރީސް ތަކަކީ ރާއްޖެއިން ބޭރުން ގެންނަ މެޝިނަރީޒް ކަމަށާއި، އެ ހޮސްޕިޓަލްގެ ކޮންމެ ރޫމެއް ނިމޭއިރު އެ ރޫމަކަށް ބޭނުންވާނެ މެޝިނަރީޒް ތައްވެސް ގެނެވި ނިމިގެންދާނެ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ސެޕްޓެމްބަރ މަހު ހުޅުވައި ޢާއްމުންނަށް ޚިދުމަތް ދޭން ފަށްޓަވާނެކަމަށް ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފައި - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގެ 25 ފަންގިފިލާ ވަކިވަކިން ބަލާލުމުގެ ފުރުޞަތު ލިބިފައިވާއިރު، މުޅި އިމާރާތުގެ ހުރިހާ ފްލޯއެއްގެ މަސައްކަތްތަށްވެސް ހުއްޓުމެއްނެތި ކުރިއަށްދާ މަންޒަރު ފެނުނެވެ. އަދި ހޮސްޕިޓަލްގެ ފަރުމާގެ ރުފިހަމަކަމާއި، ޖާގައިގެ ތަނަވަސްކަން ހާއްޞަ ގޮތެއްގައި ފާހަގަ ކޮށްލެވެއެވެ.

ސަރުކާރުން ޞިއްޚީ ދާއިރާ ތަރައްޤީ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާއިރު، ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުޞަތު ދެއްވައިފިނަމަ، އަންހެނުންނާއި ކުޑަކުދިންނަށް ޙާއްޞަ ހޮސްޕިޓަލެއް ދަރުމަވަންތަ ހޮސްޕިޓަލާއި އެއް ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލް ތަކުގައި ފިޒިއަތެރަޕީއަށް ހާއްޞަ ޔުނިޓްތަކެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުހާ

    މިއަންނަ ފަސްއަހަރުގަ ޖެހޭނެ އައިޖީއެމްއެޗް ކިޔާ ތަން ކުލިނިކަކަށް ނުވަތަ ގަރާޖަކަށް ބަދަލުކޮށްލަން، ދަރުމަވަންތަ ހޮސްޕިޓަލަށް އަންނަ މެހުމާނުންގެ ވެހިކަލްތަށް ޕާކް ކުރަން ޕާކިންޒޯނަކަށް ހަދާލިޔަސް ރަނގަޅުވާނެ.

  2. 99%ސްޓާފުން

    ޓެކްނީސަނުން ގެ އޯޓީ ކޮބާތޯ؟