ހދ. ވައިކަރަދޫ އާއި ހއ. ކެލާގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ދެ ރަށުގައި ކުރިއަށްދާ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ހިމެނޭ ދެ މަޝްރޫއެވެ.

ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މިދިޔަ މާޗް މަހުގެ ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް، އެސްއެމްސީ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް، ޓްރިވޭނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީޒް ލިމިޓެޑް އަދި ވިޝްވަރާޖް އެންވައަރޮމެންޓް ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއުތައް ފުރިހަމަ ކުރަން ކަނޑައަޅާފައި ވަނީ ގާތްގަނޑަކަށް ދެ އަހަރުގެ މުއްދަތެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުނު އިރު، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި އޮތީ %30 ރަށުގައެވެ. އެހެންވެ، މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަކީ އެމަނިކުފާނުގެ ވައުދެކެވެ.

ޖުމްލަ 34 ރަށެއްގައި މަސައްކަތްކުރަން ހަވާލުކުރި އިރު، 15 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރާނެއެވެ. އަދި 17 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރާ އިރު ހަމަ އެކަނި ނަރުދަމާގެ ނިޒާމް ގާއިމްކުރާނީ ދެ ރަށެއްގައެވެ. މި ހުރިހާ ރަށެއްގައި ސާވޭ މަސައްކަތް ނިމި، މަޝްރޫއަށް ބޭނުންވާ ސާމާނު ވެސް ވަނީ ރަށަށް ގެންގޮސްފައެވެ.

މި މަޝްރޫއުތަކާއެކު ރާއްޖޭގެ އާބާދީގެ 35،000 މީހުންނަށް މިކަމުގެ ފައިދާ ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މަޝްރޫއުގައި ހިމެނޭ މައިގަނޑު 3 ބަޔަކީ:

  • ވާރޭފެން ރައްކާކޮށް، ބޯން ކަމުދާ ފެނަށް ބަދަލުކުރުން
  • ލޮނު ފެން ޑީސެލިނޭޓްކޮށް ސަޕްލައިކުރުން
  • ނަޖިސް އެއްކޮށް، ރައްކާތެރިކަމާއިއެކު ނައްތާލުން

މި މަސައްކަތަށް އެގްޒިމް ބޭންކުން ލޯނު ދީފައި ވަނީ 1.75 ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގައެވެ. އަދި ލޯނު އަނބުރާ ދައްކަން 20 އަހަރު ދީފައިވާ އިރު، އަނބުރާ ދައްކަން ފަށަން ޖެހޭނީ ފަސް އަހަރު ފަހުންނެވެ.