ށ.ނޫމަރަ ނެރުމައްޗަށް ކޮޅުވެއްޓިއެއް އުރި އެރަށުން ލަފާ ފުރޭނެ ގޮތެއް ނެތި އެރަށު މީހުން ރަށުގައި ބަންދުވެއްޖެއެވެ.

މިކަމާއި ގުޅިގެން ށ. ނޫމަރަ ކައުންސިލްގެ ރައީސް އަލީ ރަބީއު ވިދާޅުވީ ކޮޅުވެއްޓި ނޫމަރަ ނެރުމައްޗަށް އަރާފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި ކަމަށާއި ކޮޅުވެއްޓި ނެރުމައްޗަށް އުރުނުއިރު ހިލައާއި ހިލަވެލި ހިމެނޭހެން 5500 ގޯނި ބަރުކޮށްފައިވާ ކަމަށެވެ.

އަދި މިހާރު ކައުންސިލާ ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ދެހާހެއްހާ ގޯނި ހުސްކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް އަދިވެސް ކޮޅުވެއްޓި އެތަނުން ފުންކުރެވޭ ގޮތް ވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮޅުވެއްޓި އޮތް ގޮތުން ރަށުން އެއްވެސް ވަރަކަށް ލަފާ ފުރޭނެ ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަމަ އެއްވެސް ގޮތަކަށް ބޮއްކުރައެއްގަ ވެސް ފަޅުން ނުކުމެވޭ ގޮތަކަށް ނޫން އޮތީއެއް. އިއްޔެ މެންދުރުން ފެށިގެން ހަވީރު ވަންދެން ޓަގު ގެނެސްގެން ވެސް ވަރަށް ވަރުގަދައަށް ހިފި. އެހެންނަމަވެސް ފުން ވާގޮތެއް ނުވި. ގެގަނޑު އިންނަބައި މި އޮންނަނީ ވަރަށް ބޮޑަށް ތޮށިގަނޑު މައްޗަށް އަރާފައި." ރަބީއު ވިދާޅުވިއެވެ.

ނޫމަރަ ނެރުމައްޗަށް ކޮޅުވެއްޓިއެއް އަރާ، އެރަށުގެ ނެރުމަތި ބަންދުވެފައި

އެހެންނަމަވެސް މިރޭ 11 ޖަހާކަންހާއިރު މާލެއިން ޓީމެއް އަންނާނެ ކަމަށާއި އެޓީމްގައި ކޮޅުވެއްޓި ފުންކުރުމަށް ބޭނުންވާނެ ސާމާނު އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޫމަރާ މީހަކު "ވަގުތު" އަށް ކިޔައިދިން ގޮތުގައި ކޮޅުވެއްޓި ނޫމަރާ ނެރުމައްޗަށް އަރާފައިވަނީ އާދީއްތަ ދުވަހު އެވެ. އަދި އެރަށު ނެރުމަތީގައި އެބޯޓު ލައްވެފައި އޮތް ގޮތުން އެރަށު މީހުން މިހާރު ތިބީ ރަށުގައި ބަންދުވެފައި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

ނޫމަރާ މީހުންނަކީ ކެއުން ބުއިމާ އެނޫން ވެސް ޒަރޫރީ ކަންކަމުގައި އެހެން ރަށްރަށުން ގެންނަ ތަކެއްޗަށް ވަރަށް ބޮޑަށް ބަރޯސާ ރަށެއް ކަމުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާކަން ފާހަގަ ކުރައްވާ އޭނާ ވަނީ ތިން ދުވަސް ވާއިރުވެސް ސަރުކާރުން މިކަމުގައި އެކަށޭނެ އެހީތެރިކަމެއް ފޯރުކޮށްނުދެއްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅިގެން އަދި ސަރުކާރުގެ އިދާރާއެއްގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކީކޭބާ

    ބަނޑަށް މަރުވަންދެން ސަރުކާރޭ ގޮވާލަގޮވާލަތިބޭ….

    2
    1
  2. Anonymous

    ވަކިބަޔަކު ދޭމައުލޫމާތު vagutu ޖަހަނީ އެވެސް އެއްބައި މަދުކޮއް ....

    2
    1
  3. ކޮރަލް

    މެމްބަރު އިސްތިއުފާ ދިނީމަ ތިޔަކަން ވެދާނެ އެވެ.

    3
    1
  4. ދަރަނި ދަންތުރަ

    އަވަހަށް ބައިއިލެކުސަން ބާއްވާ

    1
    1