މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަށް 2019 ވަނަ އަހަރު އެމްޓީސީސީއާ ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ހިދުމަތް މިއަހަރުގެ ސްޕެޓެމްބަރު މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އާޒިމް ރޭ ވިދާޅުވީ މިނީބަހުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މި މަސްތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރެވޭނެ ކަމަށާއި, ކޮންޓްރެކްޓްގައި ސޮއިނުކުރެވުނު ނަމަވެސް މިހާރު ވެސް މަސައްކަތްތައް ފަށައިގެން ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން އެތެރޭގައި ކުރަންޖެހޭ އިންޓާނަލް މަސައްކަތްތައް ފަށައިފިން. އެހެންނަމަވެސް އަޅުގަނޑުމެން އުންމީދު ކުރަނީ މި މަސްތެރޭގަ ވެސް ކޮންޓްރެކްޓުގައި ސޮއިކުރެވޭނެކަމަށް." އާޒިމް ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއާއެކު މި މަސައްކަތާ ގުޅޭގޮތުން ވަރަށް ބޮޑަށް މަޝްވަރާ ކުރެވެމުންދާ ކަމަށާއި އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން މާލޭގައި މިނީބަހުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"މި އަހަރުގެ ތާޑް ކުއާޓާ ނިމުމުގެ ކުރިން އޭގެ މާނައަކީ މި އަހަރުގެ ސެޕްޓެމްބަރު ނިމުމުގެ ކުރިއަށް މާލޭގައި މިނީބަހުގެ ޚިދުމަތް ފެށިގެންދާނެ." އާޒިމް ވިދާޅުވިއެވެ.

މިނީބަހުގެ ހިދުމަތް މާލޭގައި ފެށުމަށް އަނެއްކާވެސް އާ ތާރީހެއް ދެއްވާފައިވާއިރު މާލެއަށް މިނީ ބަހުގެ ހިދުމަތް ތައާރަފް ކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ކޮޅުގައެވެ.

އެދުވަހުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި އެ ހިދުމަތް ރައްޔިތުންނަށް ދޭނެ ކަމަށެވެ.

މާލެއަށް މިނީބަހުގެ ހިދުމަތް ތައާރްފްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނަމަވެސް ސަރުކާރަށް ހަތަރު އަހަރުވެ، އެއްބަސްވުމުގައި ސޮއިކުރި ފަހުން ތިން އަހަރު ވެފައިވާއިރު އަދިވެސް މިނީ ބަހުގެ ހިދުމަތް މާލޭގައި ތައާރަފު ކުރެވިފައިނުވާ ކަން ފާހަގަ ކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބިގް ބޮސް

    100 ދުވަސް ވާއިރު ފެށޭނެ. އައުޓް އައުޓް އައުޓް

    13
  2. ޢަލީބެ

    ބޮޑެތި ބަސްތައް އެމްޕީއެލް އަށް ގަތް އަގަށްވުރެ އެތައް ގުނައެއް އަގު ބޮޑުކޮށް މިނީބަސް ގަތީ.

    12
  3. ދަރަނި ދަންތުރަ

    މަސް ނިމުމުގެ ކުރިން ފަށާނެ ފަށާނެ ފަށާނެ ފެށެނީ ފެށެނީ ފެށެނީ ދުލުން ހުރިހާ ކަމެއްކުރާ ބައެއްމިއީ

    13
  4. ޙަސަނާ

    ޕުރޮޖެކުޓު ތައްބާރައް ކުރިއައް ބޯހަލާކުވާވަރުވޭ އެކުޓިވިސްޓުންހުރޭފޯރިއެއް އާދައިގެ ބަދަރެއް 3 އަހަރު އެބަނަގާ އަދި ހަމަ އެންމެބަދަރެއްވެސްނުނިމެ އާޒިމް ކަމަކީ ސޮއިކުރުން ދެން މީހުނައްވަޒީފާބެހުން...

  5. ޑައެލޯގް

    އާޒިމް އުޅެނީމާމޮޅުމީހަކަށްވެގެނެވެ.އެކަމު މޮޅެއްވެސްނޫނެވެ. އަދި ތިއީއަމިއްލައެދުމުން ފޯވެފައިވާ މީހެކެވެ. ޔާމީނު މަހާޖައްރާފާއި އާލާތްތައްގެނެސް ތިޔަކުންފުނި ކޮޅައްޖެހީ މިކަމުން މޮޅުނޫންކަންސާބިތުވެއެވެ. ދެން ޔާމީނުއިރުގައި އެސްޓީއޯގައި ހުރެފަ މީނާގެ ބޭބެ ނާޒިމް ޖަލަށްލީމާ އެހިސާބުން މީނާއަށް ޔާމީނުގޯސްވެ ވަޒީފާއަށް ގައްދާރުވިއެވެ. މިކަމުން ސާބިތުވަނީ މީނާ މަގާމަށްއައީ އަމިއްލައެދުމާއިގެންކަމެވެ. އެއްވެސްގޮތަކުން ޣައުމަށްކަމެއްކޮށްދިނުމުގެ ނިޔަތުގައެއްނޫނެވެ. ސަބަބަކީ ބޭބެޖަލަށްލިއަސް ތިމާ އިޙްލާސްތެރިނަމަ ގައުމަށް ތިމާމަސައްކަތް ކޮށްދެވުނީހެވެ.

  6. ރަން ރީނދޫ

    މި ދިޔަ 3 އަހަރު 6 ފަހަރަށް ތިޔަ ބަހުގެ ޚިދުމަތް ފަށައިފި، އަނގައިން.

    2
    1
  7. ބަސް

    މިނީ ބަހުގެ ހިދުމަތެއް ނޫން ކަލޭމެން ދޭންވީކީ.. މިއުޅެނީ ދިޔުޓީ ނިންމާފަ ގެއަށް ދާނެ ބަސް ގަނޑެއް ވެސް ނެތިގެން.!!!