ޖުލައި 31 2017 ވަނަ ދުވަހުގެ ރޭ, ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ނެތް ކަން ސާބިތު ކުރަން އެ ފަރާތްތަކުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކި ބަސް ނަގައިފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލި ހަތް މީހުންގެ ތެރެއިން ދަފްތަރު ނަންބަރު 1746 ސިމާހް މޫސާއާއި، ލ. ގަން ތުނޑި ނަންނާރިގެ ޖުނައިހު އަބްދުﷲ ފިޔަވައި އެހެން އެންމެންގެ ފަރާތުން މިއަދު ދިފާއީ ހެކިންގެ ހެކި ބަސް ނަގާފައިވެއެވެ.

ޖުނައިހުގެ ދިފާއީ ހެކިންގެ ހެކި ބަސް ނަގަން ކުރިން ވެސް ތާވަލުކޮށްފައި އޮތީ އެހެން ދުވަހަކަށެވެ. ސިމާހް ހުށަހެޅި ދެ ހެއްކެއް މި ވަގުތު ތިބީ ޖަލުގައި ކަމުން ހެކި ބަސް ނެގޭ ގޮތެއް ނުވިއެވެ. މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ކަރެކްޝަންއަށް އެ މީހުން ހާޒިރު ކުރަން ޗިޓު ފޮނުވާނެ ކަމުގައެވެ.

ދިފާއީ ހެކިންގެ ހެކި ބަސް ނެގުނު ވަރު:

  1. 1. ޅ. ކުރެންދޫ އަސުރުމާގެ، އަހްމަދު ޒަޔާން (ދެ ހެކިން)
  2. 2. މ. ދިމިޝްގު، އުސްމާން ޝަރީފް (ތިން ހެކިން)
  3. 3. ތ. ކިނބިދޫ ގުލްފާމްގެ، މުހައްމަދު ޝާޒް (ދެ ހެކިން)
  4. 4. ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް (ދެ ހެކިން)
  5. 5. މ. ލޮނުމިދިލިގެ އަފްރާޒް އަބްދުލް ރައްޒާގު (ހަތަރު ހެކިން)

"ޒަޔާން ހުރީ އޭނާގެ ގޭގައި ފިލްމެއް ބަލަން"

މި މައްސަލާގައި ދައުވާ އުފުލިފައިވާ ޒަޔާންގެ ފަރާތުން ހެކި ބަސް ދިން ދެ މީހުންނަކީ ވެސް އޭނާ މާލޭގައި ދިރިއުޅޭ ގެ ކައިރީގައި އުޅެމުންދާ ދެ މީހެކެވެ. އެ ދެ މީހުން ވެސް ބުނެފައި ވަނީ ޖުލައި 31، 2017 ގެ ރޭގަނޑު ހަތެއް ޖަހާއިރުން ފެށިގެން އެގާރަ ޖަހަން ދެން އުޅުނީ އޭނާގެ ގޭގައި ކަމަށެވެ.

ދެ ދިފާއީ ހެކިން ވެސް ބުނެފައިވަނީ އެ މީހުން ތިބީ ޒަޔާންގެ ގޭގައި ހުންނަ ބޮޑު ޓީވީއިން "ޓައިޓޭނިކް" ފިލްމު ބަލާށެވެ. އެ ވަގުތުގެ ތެރޭގައި އިތުރު އެހެން އެއްވެސް ތަނަކަށް ޒަޔާނާއި އެ މީހުން ވެސް ނުދާ ކަމުގައެވެ. އެ މީހުނާއެކު، ޖުމުލަ ފަސްވަރަކަށް މީހުން އެ ތަނުގައި ތިބި ކަމުގައެވެ.

ޒަޔާން ލައިގެން ހުރި ހެދުމާއި ގުޅޭ ގޮތުން ދައުލަތުން ސުވާލު ކުރުމުން ދެ ދިފާއީ ހެކިން ވެސް ބުނީ ޒަޔާން ލައިގެން ހުރީ ޖީންސްއަކާއި ޓީޝާޓެއް ކަމުގައެވެ. ނަމަވެސް އެހާ ދުވަސްވުމުން ލައިގެން ހުރި ހެދުމުގެ ކުލަ ހަނދާން ނެތް ކަމަށް ދެ ދިފާއީ ހެކިން ވެސް ބުންޏެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާން

"އުސްމާން ޝަރީފް ހުރީ ގޭގައި ގޭމް ކުޅެ ފިލްމު ބަލަން"

އުސްމާން ޝަރީފްގެ ފަރާތުން ވެސް ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅީ އޭނާގެ ތިން ރައްޓެއްސެކެވެ. ތިން މީހުން ވެސް ބުނެފައިވަނީ ޖުލައި 31، 2017 ގެ އިރުއޮއްސި ހައެއް ޖަހާއިރުން ފެށިގެން މެންދަމު ދޭއް ޖަހަން ދެން އެ އެންމެން ތިބީ އުސްމާންގެ ގޭގައެވެ.

ތިން މީހުން ވެސް ބުނި ކަމަކީ އުސްމާންގެ ގެއަށް ގޮސް ފިލްމު ބެލުމަކީ އާންމުކޮށް ކުރާ އުޅޭ ކަމަކަށް ވާތީ ފިލްމު ބަލަން ގޮސް އުޅޭ ކަމަށެވެ. އެ ރޭ ވެސް އެ ތިން މީހުނާއި އުސްމާން ޝަރީފްއާއި އަދި އިތުރު ދެ ކުދިން ކްލެޝް އޮފް ކްލޭންސް ގޭމް ކުޅޭށާއި މިޝަން އިމްޕޮސިބަލްގެ ތިނެއް ބަލަން ތިބި ކަމުގައެވެ.

ދައުލަތުން ކުރި އިތުރު ސުވާލުތަކަށް ޖަވާބު ދެމުން ތިން މީހުން ވެސް ބުނެފައި ވަނީ އެއިން އެކަކު ވެސް އެ ވަގުތުގެ ތެރޭގައި އެހެން ތަނަކަށް ނުދާ ކަމަށެވެ. ރޭގަނޑުގެ ކެއުން ވެސް ކެއީ އެ ގެއިން ކަމުގައެވެ. އެއީ އެ ގޭގައި އެ ދުވަހު ހަދާފައި ހުރި ބަތާއި ގަރުދިޔަ ކަމަށް ތިން މީހުން ބުންޏެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ މ. ދިމިޝްގު އުސްމާން ޝަރީފް

"ސާޒް ހުރީ ރައްޓެހިންތަކަކާއި އެކު ކޮފީއެއްގައި"

ސާޒް ފަރާތުން ހުށަހެޅި ދެ ދިފާއީ ހެކިންނަކީ އޭނާއާއި މާލެއިން ދިމާވި ދެ ރައްޓެހިންނެވެ. ދެ މީހުން ވެސް ބުނި ގޮތުން، ޖުލައި 31، 2017 އާއި ހަމައަށް އޭނާ ދަންނަތާ ދެ އަހަރެއްހާ ދުވަސް ވެދާނެއެވެ. އެ ދުވަހު އެ ދެ މީހުންނާއި އަދިވެސް އިތުރު އެކަކާއި އެކު އޭނާ ހުރީ ކިއުޗީ ކެފޭގައި ކޮފީއެއް ބޯން ކަމަށް ބުންޏެވެ.

ފުރަތަމަ ހެކި ބަސް ދިން މީހާ ބުނި ގޮތުން، އޭނާ އެ ރޭ 9:15 ހާއިރު ކުއިޗީ ކެފޭގެ މަތީ ބުރިއަށް ދިޔައިރު އިތުރު މީހަކާއި އެކު ސާޒް މާ ކުރިން އެ ތަނުގައި އިން ކަމުގައެވެ. އެ އެންމެން ވަރަށް ދަން ވަން ދެން އެ ތަނުގައި ތިބި ނަމަވެސް 11:00 ޖަހަންވާއިރަށް ސާޒް ގެއަށް ދިޔަ ކަމަށް ވެއެވެ.

ދެން ހެކި ބަސް ދިނީ ކެފޭ ކައިރިން ޝާޒްއާއި ދިމާވެގެން ފުރަތަމަ ވެސް ކެފޭއަށް ވަން އިރު އޭނާއާއެކު ހުރި މީހެކެވެ. އޭނާ ބުނި ގޮތުން ނުވައެއް ޖަހަނިކޮށް ސާޒް ދިމާވެގެން ކޮފީއެއް ދޭން އެދުމުން ކެފޭއެއް ދޭން ވަނީއެވެ. ދެން އިތުރު ދެ އެކުވެރިން އެ ތަނަށް އައީ އޭގެ ފަހުން ކަމުގައި އޭނާ ބުންޏެވެ.

ދެވަނައަށް ހެކި ބަސް ދިން މީހާ ވެސް ބުނީ 10:45 ހާއިރަށް ސާޒް އެ ތަނުން ދިޔަ ކަމަށެވެ. ދެ މީހުން ވެސް ބުނީ، ސާޒްއަކީ އަބަދުވެސް އަވަހަށް ގެއަށް ދާން ޖެހޭ ކުއްޖެއް ކަމަށާއި އޭނާ އުޅޭ ގެ 11:00 ޖަހަންވާއިރަށް ތަޅުލާ ކަމަށެވެ. އެ ރޭ ވެސް އަވަހަށް އޭނާ ދިޔައީ އެހެންވެގެން ކަމަށް ބުންޏެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒް

"މަހްފޫޒް ހުރީ ގޭގައި ގޭމް ކުޅެން"

މަހްފޫޒްގެ ފަރާތުން ހުށަހެޅި ދެ ހެކިންނަކީ އޭނާގެ ދެ އެކުވެރިންނެވެ. ދެ މީހުން ވެސް ބުނި ގޮތުން އެ ދުވަހު އިރުއޮއްސި ހައެއް ޖަހާއިރުން ފެށިގެން ރޭގަނޑު ދަންވަރު 12:00 ޖަހަން ދެން އުޅުނީ އެ މީހުންގެ އެކުވެރިއެއްގެ ގޭގައި ގޭމް ކުޅެން ކަމަށެވެ.

ތިން މީހުން ވެސް ބުނި ގޮތުން، އެ މީހުން ތިބީ "ފީފާ" ނަކަމަށް ކިޔާ ފުޓުބޯޅަ ވީޑިއޯ ގޭމެއް ކުޅޭށެވެ. އެ ވަގުތު ގޭގައި 10 ވަރަކަށް މީހުން ތިބި ކަމަށާއި އެއިން އެކަކު ވެސް އެ ވަގުތުގެ ތެރޭގައި ގެއިން ނުކުމެގެން ގޮސްފައި ނުވާ ކަމުގައި ކަމަށް ބުންޏެވެ.

ދައުލަތުން އިތުރަށް ސުވާލުތަކެއް ކުރިއިރު، މަހްފޫޒް ލައިގެން ހުރި ހެދުމާއި ބޮލުގެ އިސްތަށިގަނޑު ހުރި ވަރާއި، ތުނބުޅި މަތިމަސް ހުރި ގޮތް ގިނަ ބަޔަކު ހަނދާނެއް ނެތެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް

"އަފްރާހް ހުރީ ހުޅުމާލެ ޓާފް ދަނޑުގައި ކުޅެން"

އަފްރާހްގެ ފަރާތުން ހުށަހެޅި ހަތަރު ދިފާއީ ހެކިންނަކީ ވެސް އޭނާގެ އެކުވެރިންނެވެ. މިއިން ތިން މީހުން އޭނާއާއި ދިމާވެފައިވަނީ ފުޓުބޯޅަ ކުޅެން ގޮސް އުޅުމުގެ ތެރެއިންނެވެ. އަފްރާހްއަކީ ގޯލް ކީޕަރެއް ކަމަށް އެ މީހުން ބުންޏެވެ. ދެން ހުރި މީހަކީ ސްކޫލުން ފެނިގެން އޭނާއާއި ރައްޓެހިކަން އުފެދުނު މީހެކެވެ.

މި ހަތަރު މީހުން ވެސް ބުނި ގޮތުން ޖުލައި 30، 2017 ގެ ހަވީރު އަފްރާހް ހުޅުމާލެ އައެވެ. އެ ދުވަހުގެ ރޭ އަފްރާހް މަޑުކޮށްގެން ހުރީ ހެކިބަސް ދިން އެކަކުގެ ގޭގައި ކަމުގައި ހަތަރު މީހުން ވެސް ބުންޏެވެ. އެ ރޭ ވަރަށް ދަންވަން ދެން "ފީފާ" ފުޓުބޯޅަ ވީޑިއޯ ގޭމް ވެސް ކުޅުނު ކަމަށް ބުންޏެވެ.

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން

އަފްރާހް އާންމު ގޮތެއްގައި އެހެން އުޅޭއިރު ހުޅުމާލެ އަންނަ ކަމާއި ހުޅުމާލެ އައިސް މަޑުކުރަނީ ހަތަރު މީހުންގެ ތެރެއިން ހެކި ބަސް ދިން އެކަކުގެ ގޭގައި ކަމަށް އެ އެންމެން ވެސް ބުންޏެވެ. އަދި އަފްރާހް އަންނަ އިރަށް ވަރަށް ގިނަ ކަންކަން ރާވައި ކުރާ ކަމުގައި އެ މީހުން ބުންޏެވެ.

މި ގޮތުން ދެން ޖެހިގެން އައި ދުވަހު ހެނދުނު މޫދަށް ދިޔަ ކަމާއި، ހަވީރު ބާބަކިއު ހެދި ކަމަށް ހަތަރު މީހުން ބުންޏެވެ. ހާދިސާ ހިނގި ރޭ 8:30 އިން ފެށިގެން 10:30 އަށް އަފްރާހް ހުރީ ހުޅުމާލޭގައި އޭރު ހުންނަ ހަމައެކަނި ޓާފް ދަނޑުގައި ގޯލް ކީޕަރަށް ކުޅެން ކަމަށް އެ އެންމެން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޙުސެން

    ނޫނޭ އެހާދިސާ ހިނގިއިރު ތީންއެއްވެސް މީހަކު ދުނިޔެއަށް އުފަންވެސް ނުވޭ

  2. ޖިއްނިން

    އެހެންވީމާ ހަމަލާދިނީ ޖިންނީންގެ ޖަމާޢަތަކާ ވައްތަރީ..
    އެމީހުންގެ ސިފައިގައި ތިބި..

  3. ކަތިރިޔާ

    އަނަސް މަރާލިމީހަކު ނެތެއްނު ދޯ! އޭނަމަރުވީ އަމިއްލަލައަށް 37ތަނަކަށް އަމިއްލަ އަތުން ވަޅިޖަހާގެން!މައްސަލަ ނިމުނީ!
    ދުނިޔެމަތީގަ އިންސާފް ނުލިބުނަސް ގިޔާމެއްދުވަހިން އިންސާފް ލިބޭނެކަމާ ދޭތެރޭ އެއވެސް ޝައްކެއް ނުކުރަން ދޮގުހެކިބަސްދީގެން މިއަދު ސަލާމަތް ވެވިދާނެ!

  4. ކ

    މި މީހުން ތިބީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ފިލުމުބަލާ ގޭމުކުޅެން. މިއިން ދުވަހަކު ﷲ އަށް ސަޖިދައެއްވެސް ޖެހިކަމެއްވެސް ނޭގެ. ދޮގުހެކި ދީގެން ސަލާމަތް ވެވިދާނެ ދުނިޔެމަތީގަ.

  5. ޑިރ£

    ކަނޑައެޅިގެން ހުސްދޮގު ހެކި..ތިޔަ ހެކިންގެ ހެކިބަސް ތެދުކަން ސާބިތުކުރަން ތިބުނި ގޭގެ އާއި ކެފޭ އާއި ދަނޑު ގައި އެވަގުތު ތިބި އެހެން މީހުންގެ ބަސް ހޯދަން ޖެހޭ.. މީހެއްގެ މަރުގެ މައްސަލައެކޭ.. އަޑުއިވިފައި އޮތްގޮތް ދޮގުކަމަށް ނުވަންޏާ އަނަސް މަރާލީ އަނަސް ކައިވެނި ކުރަން އުޅުނު ކުއްޖާގެ ކުރީގެ ލޯބިވެރިޔާ ނިސްބަތްވާ ގޭންގުން..

  6. ނިޒާމު

    ތިޔަކަހަލަ ކަންކަމުގަވެސް ދިފާއުކުރެވޭތޯ ބަލަނީ ހައްގުވަ އަދަބުދެވިގަން ކަންކަން ރަނގަޅުވާނޯ...ދީނީ އަގީދާ ބަލޮކަށި ނުކުރޭ..

  7. ހުސެން

    މަރައްމަރު ނޯ އެކްކިޒު އެކަހަލަކަންކަމައް ގުޑް..ނިންމުން

    2
    1
  8. ހަސަނުލް

    އެހެރީ ވީޑިއޯ ލާދީނީ ބްލޮގަރ ކޭސް އަށް ނެގި ފޯރި ކީއްވެތަ ނުނަގަނީީީ

  9. ލޮލް

    މި ގަޑި ތަކުގަ އެ ސަރަހައްދުގެ ކެމެރާ ތަށް ބަލައި ހެކި ސައްޙަ ތޯ ބަލަން ވާނެ

    3
    1
  10. ޖިބުރާ

    އަނަސް މަރާލިމީހަކު ނެތެއްނު ދޯ! އޭނަމަރުވީ އަމިއްލަލައަށް 37ތަނަކަށް އަމިއްލަ އަތުން ވަޅިޖަހާގެން!މައްސަލަ ނިމުނީ!
    ދުނިޔެމަތީގަ އިންސާފް ނުލިބުނަސް ގިޔާމެއްދުވަހިން އިންސާފް ލިބޭނެކަމާ ދޭތެރޭ އެއވެސް ޝައްކެއް ނުކުރަން ދޮގުހެކިބަސްދީގެން މިއަދު ސަލާމަތް ވެވިދާނެ!

  11. ޖިބުރާ

    އަނަސް މަރާލިމީހަކު ނެތެއްނު ދޯ! އޭނަމަރުވީ އަމިއްލަލައަށް 37ތަނަކަށް އަމިއްލަ އަތުން ވަޅިޖަހާގެން!މައްސަލަ ނިމުނީ!
    ދުނިޔެމަތީގަ އިންސާފް ނުލިބުނަސް ގިޔާމެއްދުވަހިން އިންސާފް ލިބޭނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނުކުރަން ދޮގުހެކިބަސްދީގެން މިއަދު ސަލާމަތް ވެވިދާނެ!

  12. ޏަޖަނ

    ނަސީބެއް ދިފާުގަ ތިމަންނަމެން ތިބީ އުމްރާޔަކަށް މައްކާގަޔޭ ބުނެ ހެކިބަސް ނަގަން ވަލީއަޙްދު ރާއްްޖެ ނުގެނައިކަން

  13. ހެހެހެ

    ޓައިޓެނިކް، ހައްހައްހައްހާ

  14. ައަނަސް ގެ ކޮށްކޮ

    އަފްރާހު މަހެއްވަންދެން ޕޮލިހުން ނަށް ފިލައިގެން އުޅުނީ ކީއްވެގެންނޯ؟؟؟؟ ރ މީދޫ މީހުން ތިބީ މަގުތަކައް ނިކުންނަން ތައްޔާރައް!!! ވ ސަލާމް!!1

  15. ދޮގުހެކި

    ޥީޑިއޯއިން އެފެނަނީ ކޮންބައެއްދެން. ޑޮގުހެކިދޭ މީހުންވެސް މިފަހަރު ޖަލަށް ލާންވާނެ

  16. ޢަޖައިބު

    ޢަޖައިބު