ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން ފްރަންޓުލައިންގައި މަސައްކަތް ކުރާ އޮފިސަރުންނަށް ބޮޑީ ވޯން ކެމެރާ ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ކަރެކްޝަންސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅެވެ. އަދި ޒެޓާ ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އައިމަން އާދަމެވެ.

މި ކެމެރާތަކަކީ އެމެރިކާގެ އެކްސޮން ކުންފުނީގެ އުފެއްދުމެކެވެ. މި އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ ތެރޭގައި އެ ކުންފުނިން 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒަރ ފޯރުކޮށްދޭން ޖެހޭނެއެވެ.

ޖަލު އޮފިސަރުންނަށް ބޮޑީ ވޯން ކެމެރާ ފޯރުކޮށްދިނުމަށް ޒެޓާ ޓެކްނޮލޮޖީސްއާއެކު އެއްބަސްވުމުގައި ސޮއި ކުރަނީ. --ފޮޓޯ: ކަރެކްޝަންސް

ކަރެކްޝަންސް އިން ބުނީ ރަނގަޅަށް ޓޭޒާ ބޭނުންކުރުމާއި އެ ބޭނުންކުރާނެ ހާލަތްތަކާ ބެހޭގޮތުން ތަމްރީނު ފެށުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ކަރެކްޝަނުން ބޮޑީވޮން ކެމެރާ ބޭނުން ކުރަން ފަށަން ނިންމީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެތީ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކެމެރާތައް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

ކަރެކްޝަންސް އިން ބޮޑީ ވޯން ކެމެރާ ބޭނުން ކުރާއިރު، މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވެސް ވަނީ ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިޔާ ޓަވަރު

    ބަހުގެ ހިދުމަތް ދޭ އެމްޓީސީސީ ގެ މުވައްޒަފުން ގައިގަވެސް ވެއްޖެ ތޮހަރުލުރަން ކަސްޓަރުންނާ ޑީލް ކުރަން ނޭންގޭތީ 😊

  2. އަހުމަދުކަ

    ތީ ހުސް ނޫސްތަކުގެ ހެޑްލައިންސްއަށް އަރާލަން ކުރާ ކަންތަށް ކަމެއްވެގެން ހޯދާއިރު އެއްކެމެރާ ވެސް މަސަތްކަތްކުރާ ކަމަކަށް ނުވާނެ ތީދެން މިހާރު ދަންނަ ޖުޅިއެއް