އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކޮމިޝަނަށް މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ފެނިވަޑައިގަންނަވާ ނަންތައް އަދިވެސް ފައިނަލް ނުކުރެވޭ ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

އޭސީސީގައި ކުރިން ތިއްބެވި ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމުން އެ ކޮމިޝަން އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. އޭސީސީ އަށް މެންބަރުން އައްޔަން ކުރަން ގާނޫނުގައި އޮންނަ 60 ދުވަސް ވެސް މިހާރު ވަނީ ހަމަވެފައެވެ. އޭސީސީގެ މެމްބަރު ކަމަށް 30 މެމްބަރަކު ވަނީ ކުރިމަތިލާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން މިހާރު ކުރިއަށްދަނީ މެމްބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައް ފައިނަލް ކުރުން ކަމަށެވެ.

އެންމެ ފަހުގެ މައުލޫމާތު ހޯދާލަން "ވަގުތު" އިން ގުޅާލުމުން މަބްރޫކް ވިދާޅުވީ ނަންތައް އަދިވެސް ފައިނަލް ނުކުރެވޭ ކަމަށެވެ. "ފޮނުވަން ޖެހޭ ނަންތައް ފައިނަލްވުމުން މީޑިއާތަކަށް އަންގާނެ" ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭސީސީ އަށް ކުރިމަތިލި ފަރާތްތަކުގެ ނަންތަކެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަމްޖަދު މުސްތަފާ އާއި އަދި އޭސީސީގައި އިންވެސްޓިގޭޓަރުންގެ ގޮތުގައި ކުރިން މަސައްކަތްކުރި ބައެއް މީހުން އޭސީސީގެ މެމްބަރުކަމަށް ވަނީ ކުރިމަތިލާފައެވެ.

ފަސް މެމްބަރުން ތިބެންޖެހޭ އޭސީސީގައި މިހާރު އެއްވެސް މެމްބަރަކު ނެތެވެ. ހުރިހާ މެމްބަރުން ވެސް އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރުގެ ތެރޭގައެވެ.

އޭސީސީގައި މެންބަރަކު ނެތި އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތްއިރު މިއީ 2008 ވަނަ އަހަރުގެ ގާނޫނު އަސާސީގެ ދަށުން އޭސީސީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އުފެއްދި ފަހުން އެކޮމިޝަންގެ ހުރިހާ މެންބަރުންގެ މަގާމު ހުސްވެ ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދިޔަ ފުރަތަމަ ފަހަރެވެ.

އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް އިރު ވެސް އެކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ މަަސައްކަތް ސަރުކާރުންނާއި ވެރިކަން ކުރާ އެމްޑީޕީ އިން ކުރަމުން ނުގެންދާތީ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޫރު

    އުވާލާ، އެއިރުން ކުރާ ވައްކަންތައް، އެންމެ ދަށްމިނުން ރިޕޯޓް ކޮށްލާނެ ތަނެއްވެސް ނުހުންނާނެތާ. ރާއްޖެ އަނބުރާ 2008 ގެ ކުރީގެ ނިޒާމަށް ދާންޖެހޭ. ކޮން ޑިމޮކްރެސީ އެއްތޯ. އެހެންކިޔާފަ، ޤައުމުގެ މިނިވަންކަން ދުައްވާލަނީ.