އެމްޑީޕީ ހިނގި ވާހަކަ ދައްކަވަން ލަދު ގަންނަން ޖެހޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފަސް ކުރުމާ މެދުގައި ގޮތެއް ނިންމަން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސްގެ ޖަލްސާގައި ޝަރީފް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި މުޑުދާރު ވާހަކަ ދައްކަވަނީ "އެންމެ މުޑުދާރު" ހަޑިކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ބޭފުޅުން ކަމަށެވެ. އަދި "ގުދޯ ގުދޯ" ގޮވާފައި "ވަގުންނަށް" ގޮވަނީ އެންމެ ބޮޑެތި ވަގުން ކަމަށް ވިދާޅުވެ، މަވޯޓާ ޝަރީފް ވަނީ ފާޑު ވިދާޅުވެފައެވެ.

"ނަޒާހަތްތެރި ކަމަށް ބުނާ މީހުން ކޮންތާކުން ފައިސާ ހޯދައިގެން ރާއްޖެ ވަށައިގެން ކެމްޕެއިނަށް އެ ދުއްވަނީ." އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ފަޅީގައި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މަވޯޓާ ޝަރީފް ވިދާޅުވިއެވެ.

މަވޯޓާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ހައްގު ވޭތުވެދިޔަ އަށް އަހަރު އޮތީ ފޭރިގެންފައި ކަމަށެވެ. ހަމައެކަނި އޭނާގެ ދާއިރާގައި ގޮފި ރަޖިސްޓްރީ ނުކުރެވި، ކޮންގްރެސްއާ ހަމައަށް ދިޔައިރު ވެސް އެ ގޮފީގެ މީހުންނަށް ކޮންގްރެސްގައި ބައިވެރިވެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕާޓީ ހިނގާ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ އިނގޭތޯ. ލަދު ގަންނަން ޖެހޭނެ. އަޅުގަނޑުމެންގެ ރައްޔިތުންގެ ހައްގު ވަނީ ފޭރިގެންފައި މި ޕާޓީގައި މިހާ ހިސާބަށް ތިބި ލީޑާޝިޕްގެ ފަރާތުން. އެކަމަކު ރައްޔިތުންގެ ހައްގު ހިމާޔަތް ކުރާ ވާހަކަ މި ދައްކަނީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެމްޑީޕީ ދެކެ ލޯބިވާ ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުން އެކިކަންކޮޅުތަކުގައި ތިބި އިރު، އެ ރަށްތަކުގައި ހަރުގެ ގަނޑެއް ވެސް ނެތް ކަމަށެވެ. ޕާޓީގެ ރަށްރަށުގެ އޮފީސްތައް ހިންގަނީ ވެސް މެމްބަރުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުން 14 މިލިއަން ރުފިޔާ ނުވަތަ 15 މިލިއަން ރުފިޔާ އެމްޑީޕީއަށް ދިނަސް، އެއްވެސް ދާއިރާއަކަށް ފައިސާއެއް ނުދޭ ކަމަށް ޝަރީފް ތުހުމަތު ކުރެއްވިއެވެ.

"މި ގައުމީ މަޖިލީހުން އެތައް ފަހަރަކު ފާސްކޮށްފި 50 ޕަސެންޓް ދާއިރާތަކަށް ދޭންޖެހޭނެ ކަމަށް. އަދިއަދާ ހަމައަށް ވެސް ލޯލާރިއެއް ވެސް ނުދޭ. މިއިނީ އަޅުގަނޑުމެންގެ ދާއިރާގެ ރައީސް. ޕާޓީގެ ކަރަންޓް ބިލް ދައްކަނީ ފޯނު ބިލް ދައްކަނީ އެހެނިހެން ކަންކަން ކުރަނީ އެ ދާއިރާގެ މެމްބަރުން އަމިއްލަ ޖީބުން،" ޝަރީފް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓޯޓޯ

    ނަޝީދު ފެކްޝަން ދުރުކޮއްގެން ނޫނީ އެމްޑީޕީއަށް ކުރިއެރުމެއްނެތް. ނަޝީދު ފައިދަށުގަ ތިބި ބަޔަކަށް ހުރިހާ މަގާމެއް ލިބުން ރަނގަޅެއް ނޫން

    18
  2. އުސްތާޒް

    ރައީސް ނަޝީދަކީ މިހާރު އެމްޑީޕީގައި ޗޮއިސްއެއް ނޫން.

    14
  3. ކާފަބޭ2020

    މީހުނަށްދަށްކަން ކިތަންމެވަރަކަށްފޮނުއެރުވިޔަސް ތިޔައީ ރޮނޑުތަކެއްކަހަލަބަޔެއް! ހަމައެނބުރިއައިސްފެހިކާނީ އެއްގަލަކުން!

    11
    2
  4. ބާބޫ

    ކެރަފާ ނަޝީދަކީ ދިރުނބާ ކޮޅު އެއްގަމަށް، ބަލަށް އެހެލަންވެފަ ހުރި ބީތާއެއް

  5. Anonymous

    އެމްޑީޕީ ހަލާކުވީ ލާދީނީ މީހުންގެ ސަބަބުން. ލާދީނީ މީހުންނަށް ދިގު މުއްދަތުގައި ކާމިޔާބެއް ނެތްކަން މުޅި ދުނިޔެއިން ވެސް ފެންނަމުން މިދަނީ. އެމްޑީޕީގެ މެންބަރުން ވެސް އެމްޑީޕީއަކީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ބާއްވަން ބޭނުންނަމަ، ލާދީނީ ނަޝީދުގެ އަތްދަށުން ޕާޓީ ސަލާމަތްކުރަންވީ. މިރާއްޖެއަށް ލާދީނީ ނަޝީދުގެ ލާދީނީ ފޮނުއެރުވުން ބޭނުމެއް ނުވޭ.